ޚަބަރު

މަދުވެގެން %2 ދަރިވަރުން ރާއްޖެއަށް މަތީ ތަޢުލީމް ހާސިލް ކުރަން އަންނަ ގޮތް ހެދުމަކީ އަމާޒެއް


  • އެކި ސަރަޙައްދުތަކުގައި ދަނާލުތައް ތަރައްޤީ ކުރައްވާނެކަމަށް ވިދާޅުވި

  • އިންޓަރނޭޝަނަލް ސްޓޫޑެންޓް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތް ކުރަނީ

  • ތަމްރީންދޭ މަރުކަޒުތައް ތަރައްޤީކުރަނީ ބޭރު މީހުންނަށްވެސް ތަމްރީން ވެވޭ ގޮތަށް

މަދުވެގެން 2 އިންސައްތަ ދަރިވަރުންނަކީ އެހެން ޤައުމުތަކުން ރާއްޖެއަށް މަތީ ތަޢުލީމް ހާސިލް ކުރަން އަންނަ ދަރިވަރުންނަށް ހެދުމަކީ އަމާޒެއްކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ސެނަކޯ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ވޭތުވެދިޔަ 6 މަސްދުވަހު އެ ވުޒާރާއިން ކުރައްވާފައިވާ މަސައްކަތްތައް ހިއްސާކުރައްވާފައެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ދާއިރާތަކަށް ޚާއްސަކޮށްގެން ތަމްރީންދޭ މަރުކަޒުތައް ތަރައްޤީ ކުރައްވާނެކަމަށެވެ. އަދި އެތަންތަން ތަރައްޤީކުރައްވާނީ ރާއްޖޭގައި ތަމްރީންވާން ބޭނުންވާ ބޭރު ޤައުމުތަކުގެ ދަރިވަރުންނަށްވެސް އެފުރުޞަތު ލިބޭ ގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ތަރައްޤީ ކުރާ ދަނާލްތަކާއި ހޯމް ސްޓޭގައި ތިބެގެން ކިޔެވޭނެ މަގުފަހިވެގެންދާނެކަމަށެވެ. އަދި އެކަމަށް މަގުފަހިކުރުމަށްޓަކައި އިންޓަރނޭޝަނަލް ސްޓޫޑެންޓް ވިސާ ހޯދުމަށް ހުރި ހުރަސްތައް ނައްތާލުމަށް މަސައްކަތް ކުރަމުންދާކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވިޒިޓާ އިކޮނޮމީ ސިޔާސަތުގެ ދަށުން ކަނޑައަޅާ ޕްރޮގްރާމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އަމާޒަކީ މަތީ ތަޢުލީމް ހާސިލްކުރާ އާބާދީގެ މަދުވެގެން 2 އިންސައްތަ ދަރިވަރުންނަކީ އެހެން ޤައުމުތަކުން ރާއްޖެއަށް މަތީ ތަޢުލީމް ހާސިލް ކުރުމަށް އަންނަ ދަރިވަރުންނަށް ހެދުން. "މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ މަރިޔަމް މާރިޔާ ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މަތީ ތަޢުލީމް ހާސިލް ކުރުމަށް އެދޭ ދަރިވަރުންގެ މާލީ އެހީތެރިކަމާއި ސްކޮލަރޝިޕްތައް މި 5 އަހަރުގެ ތެރޭގައި ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ. އެކަން އެގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކައި ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވަރސީޓީތަކާ ގުޅިގެން މަސައްކަތްކޮށް ހަޔަރ އެޑިއުކޭޝަން އިންސްޓިޓިއުޝަންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ވަޒީރު ވިދާޅުވީ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާ ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ އިތުރަށް ހުނަރުތައް ދަސްކޮށްދިނުމަށްވެސް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގައި ވަޒީފާތަކުގެ ދިރާސާއެއް ކުރިއަށް ގެންދާކަންވެސް ފާހަގަކުރެއްވިއެވެ. އަދި އެދިރާސާގެ ނަތީޖާ މިއަހަރުގެ އޯގަސްޓް މަހު ލިބި މަތީ ތަޢުލީމަށް ކުރާ ޚަރަދުތައް އެކަށައެޅިގެންދާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވަޒީރު މަރިޔަމް މާރިޔާ ވިދާޅުވިއެވެ.