ޚަބަރު

އޮކްޓޫބަރުމަހު ޑޭވިޑް ކެމެރަން އިސްތިޢުފާ ދެއްވަނީ!


މިއަންނަ އޮކްޓޫބަރު މަހު މަޤާމުން އިސްތިޢުފާ ދެއްވަން ގަސްތުކުރައްވާކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ.

ކެމެރަން މިކަން އިޢުލާންކުރައްވާފައި މިވަނީ ވިލާތުގެ އިއްތިޙާދުގެ މެމްބަރެއްގެ ގޮތުގައި އިނގިރޭސިވިލާތް ދެމިއޮތުމާމެދު އެގައުމުގެ ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި، ވިލާތުގެ އިއްތިޙާދުން ވަކިވުމަށް ތާއީދު ލިބުމާއި ގުޅިގެންނެވެ.

ޑައުނިންގް ސްޓްރީޓްގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގެ ބޭރުގައި ނޫސްވެރިންނާއި މުޚާތަބްކުރައްވާ ވާހަކަފުޅު ދައްކަވަމުން ކެމެރަން ވިދާޅުވީ އީޔޫއިން ވަކި ވުމަށްފަހު ޤައުމު ދަތުރުކުރާނެ މަންޒިލަށް ގެންދިއުމުގައި ކުރީ ސަފުގައި ޙަރަކާތްތެރިވުން އެއީ އެންމެ ރަނގަޅުގޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. މިކަމުގެ ތަފްސީލް ނުދެއްވި ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ އެނުއަލް ކޮންފަރެންސް އޮކްޓޫބަރު މަހު ބާއްވަންވާއިރަށް އައު ބޮޑުވަޒީރެއް އައްޔަންކުރެވޭނެކަމަށް ކެމެރަން ވިދާޅުވިއެވެ.  އަދި މި ނިންމުމަކީ އެއްވެސް ޙާލެއްގައި ފަސޭހަ ނިންމުމެއް ނޫންކަމަށާއި ނަމަވެސް އާ ބޮޑުވަޒީރެއް ޢައްޔަންކުރުމުގެ ކުރިން ޤައުމަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނައުން އެއީ، ޤައުމީ މަސްލަޙަތަށްޓަކައި އަޅަން ޖެހޭ މުހިންމު ފިޔަވަޅެއްކަމަށް ބޮޑުވަޒީރު ކެމަރަން ވިދާޅުވިއެވެ.

އަދި އީޔޫއިން ވަކިވުމުގެ ކަންތައްތައް ރަސްމީކޮށް ތަންފީޒުކުރަން ފެށުމަށް ތާރީޚެއް ކަނޑައެޅުމަކީ އައު ބޮޑުވަޒީރުކުރައްވަން ޖެހޭ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ކެމަރަން ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގައި ، ވިލާތުގެ އިއްތިހާދުން ވަކިވުމަށް 52 އިންސައްތަ ތާއީދުލިބިފައިވެއެވެ.

ވޯޓުގެ ނަތީޖާއާއި ގުޅިގެން މިއީ އިނގިރޭސިވިލާތުގެ މިނިވަން ދުވަހުގެ ގޮތުގައި އެޤައުމުގެ އިންޑިޕެންޑެންސް ޕާޓީގެ ލީޑަރު ނައިޖެލް ޕަރާޖް ސިފަކުރެއްވިއެވެ. ނަމަވެސް އީޔޫއިން ވަކިނުވެ އޮތުމަށް ތާއީދުކުރި ފަރާތްތަކުން މިކަން ސިފަކޮށްފައިވަނީ ބޮޑު ކާރިސާއެއްގެ ގޮތުގައެވެ. 

ވޯޓުގެ ނަތީޖާއަށް ފަހު ޕައުންޑްގެ އަގުވަނީ 1985ވަނަ އަހަރަށް ފަހު ވެއްޓުނު އެންމެ ދަށަށް ވެއްޓިފައެވެ. 

ކެމަރަން ވިދާޅުވީ ކުރިޔަށް އޮތް މަދު ދުވަސްކޮޅަށް މަޤާމުގައި ހުންނަވާނެކަމަށާއި ނަމަވެސް އޮކްޓޫބަރު މަހު އާ ބޮޑުވަޒީރާއި މަޤާމު ޙަވާލްކުރައްވާނެކަމަށް އިނގިރޭސި ރާނީއަށް އަންގަވާފައިވާކަމަށެވެ.

އޭނާ ވިދާޅުވީ އީޔޫއިން ވަކިވުމަށް ކުރަންޖެހޭ މަޝްވަރާތައްކޮށް، ލިސްބަން ޓްރީޓީގެ 50ވަނަ މާއްދާގެ ދަށުން އިނގިރޭސިވިލާތަށް އީޔޫއިން ވަކިވުމަށް ލިބޭ 2 އަހަރު ދުވަހުގެ މުހުލަތުގެ ތެރޭގައި ކަންކުރަންވާ ގޮތުގެ ނިންމުންތައް ނިންމުން އެއީ އައު ބޮޑުވަޒީރުގެ މަސައްކަތެއްކަމަށެވެ.

މިކަމާއި ގުޅިގެން ދުނިޔޭގެ ބާޒާރުތަކުގެ ސްޓޮކް މާކެޓްތަކަށް ވަނީ ނޭދެވޭ އަސަރުތަކެއްކޮށް، ގިނަ ޤައުމުތަކެއްގެ ސްޓޮކްމާކެޓްތައްވަނީ ދަށަށް ގޮސްފައެވެ.