ޙައްްޖު މޫސުމާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ހިއްލާލައިފިއެވެ.
ޙައްޖުގެ އާދަކާދައާ އެއްގޮތަށް އުރަކޮޅު ހިއްލާލުމަށްފަހު ގެފުޅުގެ ތިރީ ބައި ފޮރުވާލާފައި ވަނީ 2.5 މީޓަރު ފުޅާ އަދި 54 މީޓަރު ދިގު ހުދު ފޮތި ގަނޑަކުންނެވެ. އެ މަސައްކަތް ކޮށްފައި ވަނީ އެ ކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ 36 މީހުން 10 ކެރޭން ބޭނުންކޮށްގެންނެވެ. އެ މީހުން އެ މަސައްކަތް ކޮށްފައި ވަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ.
ޙައްްޖު މޫސުމާ ދިމާކޮށް ގެފުޅުގެ އުރަކޮޅު ހިއްލާލުމަކީ ކޮންމެ އަހަރު ވެސް ކުރާ ކަމެކެވެ. އެ ގޮތަށް ޢަމަލުކުރަނީ ޙައްޖުވެރިންގެ ސަބަބުން ގެފުޅުގެ އުރަކޮޅު ހަޑިވުންފަދަ ކަންކަން ކުރިމަތިވާން ފެށުމުންނެވެ.
ކޮންމެ އަހަރެއްގެ ޙައްޖު މަހުގެ 9ވަނަ ދުވަހު ގެފުޅުގެ އުރަކޮޅު އައުކުރެއެވެ. ކަޅު ކުލައިގެ އުރަކޮޅު ފަރުމާ ކުރަނީ 670 ކިލޯގެ ސިލްކް ބޭނުންކޮށްގެންނެވެ. އަދި އުރަކޮޅުގައި ޤުރުއާނުގެ އާޔަތްތައް ލިޔުމަށް 120 ކިލޯގެ ރަނާއި 100 ކިލޯގެ ރިހި ބޭނުންކުރެއެވެ.
ކޮންމެ އަހަރު ވެސް ސަޢުދީ ޢަރަބިއްޔާގައި ކުރާ ޙައްޖުގެ އަޅުކަމަކީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ދީނީ އެއްވުމެވެ. އެ ގޮތުން 2012 ވަނަ އަހަރު ރެކޯޑް ޢަދަދެއް ކަމަށްވާ 3.16 މިލިއަން މީހުން ވަނީ ޙައްޖުގެ އަޅުކަން ފުރިހަމަކޮށްފައެވެ. މިދިޔަ އަހަރު 1.84 މިލިއަން މީހުން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރިއެވެ.
ބެލެވޭ ގޮތުގައި މި އަހަރު ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ މީހުންގެ ޢަދަދު އިތުރުވާނެއެވެ. މި އަހަރުގެ ހައްޖު މޫސުން ފަށާނީ ޖޫން 14ވަނަ ދުވަހުއެވެ.