މިއަހަރު ރައްޖެއިން ހައްޖަށް ދާ މީހުންނާއި އެމީހުންގެ އާޢިލާތަކަށް އެއަޕޯޓަށް ބަހުގައި ދެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. މިއަހަރު ރާއްޖެއިން ޙައްޖަށްދާ ހައްޖުވެރިން އަންނަ ހުކުރުދުވަހު ފުރަން ފަށާނެއެވެ. ފުރަތަމަ ބުރުގައި 288 މީހަކު ފުރުމަށް ހަމަޖެހިފައިވެއެވެ.
ރާއްޖެއިން ޙައްޖަށް ދާ މީހުން ފުރުމަށް ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެގޮތުން އަންނަ ހުކުރު ދުވަހާއި އަންނަ މަހުގެ 3 ވަނަ ދުވަހާއި 7 ވަނަ ދުވަހު ހައްޖުވެރިން ފުރުމަށް ހަމަޖެހިފައިވެއެވެ. އަންނަ ހުކުރު ދުވަހު 288 މީހަކު ފުރާއިރު ދެވަނަ ފްލައިޓްގައި 357 މީހުން އަދި އެންމެ ފަހު ފްލައިޓްގައި 345 މީހަކު ފުރުމަށް ހަމަޖެހިފައިވާކަމަށް ޙައްޖުކޯޕަރޭޝަނުން ވިދާޅުވެއެވެ.
ދިވެހި ޙައްޖުވެރިންނަށް ފަސޭހައިން ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުން އަންނައިރު އެމީހުންގެ ލަގެޖްތައް ކުރިން ޗެކިންއަން ގެންދާނެއެވެ. އަދި ޙައްޖުވެރިންނާއި އެމީހުންގެ އާޢިލާތައް އެއަރޕޯޓަށް ދިއުމަށް ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލެއިން ބަސް ދަތުރުތައް 3 ރޫޓްއަކުން ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލެއިންވެސް ފޭސް 1 އާއި ފޭސް 2 ގެ ބަސްސްޓޮޕްތަކުން ދަތުރުކުރެވޭނެއެވެ. ޙުކުރު ދުވަހު ފުރަތަމަ ގުރޫޕް ފުރާއިރު ޙައްޖަށް ދާ މީހުން ގޮވައިގެން ދަތުރުކުރާ ބަސްތަކުގެ ދަތުރުތައް އެދުވަހު 10:30ގައި ފަށާނެއެވެ. އެގޮތުން އެއަރޕޯޓަށް ދާ ޙައްޖުވެރިންނަށް އެމް.ޓީ.ސީ.ސީގެ ޑަބަލްޑެކް ބަސްތަކާއި، މިނީ ބަސްތަކާއި ކުދި ވެހިކަލްތައް ވަނީ ހަމަޖައްސާފައެވެ.
ޙައްޖުވެރިން ގޮވައިގެން ބަސްތައް ދަތުރުކުރާ ވަގުތު އެ ސަަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވަމުން ދާނެކަމަށެވެ.
ދިވެހި ހައްޖުވެރިންނަށް ފުރިހަމަ އިންތިޒާމްތަކެއް ހަމަޖެސުމަށް ކުރާ މަސައްކަތުގެ ދަށުން ސަޢުދީޢަރަބިއްޔާގައިވެސް އަންނަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ. ޚާއްސަކޮށް މިނާއާއި އަރަފާތު ބިމުގައި ދިވެހިންނަށް ޚިދުމަތް ދިނުމަށް ތައްޔާރީތައް ވަމުން އަންނަކަން ފާހަގަކުރެވެއެވެ. އަދި އެހެން އަހަރުތަކާ ޚިލާފަށް މިއަހަރު މިނާގައި ދިވެހި ޙައްޖުވެރިންނަށް ދިވެހިން ކެއުންތައް ލިބޭނެ އިންތިޒާމްވެސް އަންނަނީ ހަމަޖައްސަމުންނެވެ.
މިއަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށްޓަކައި 1000 ޖާގަ ލިބިފައިވާއިރު މި އެންމެންވެސް ޙައްޖަށް ގެންދަނީ ޙައްޖުކޯޕަރޭޝަނުންނެވެ. އަދި މިއހަރުގެ ޙައްޖަށް ސަރުކާރުގެ ޚަރަދުގައި 50 ހައްޖުވެރިންވެސް ދާނެއެވެ.