ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ


  • ބޯކޮށްވާރޭވެހި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ

  • ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ

  • މަޑުމަޑުން މޫސުން ދަނީ ރަނގަޅުވަމުން

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުންގޯސްވެ، ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަ ހަމައަށް މިއަދު އިރުއޮއްސި 18:00އާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައެވެ. އަދި މި ސަރަހައްދުތަކަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.


މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފަކުރެވޭކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. އަދި ރާޅުގެ އުސްމިން ހުންނާނީ 3 ފުޓާ 9 ފޫޓާ ދެމެދުކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖޭގެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކުރާ ވިއްސާރައެކެވެ.

އެހެންކަމުން މިދުވަސްވަރު ވިއްސާރަވެ ފެންބޮޑުވެގެން ކުރިމަތިވެދާނެ ޙާދިސާއަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދުރާލާ އެޅުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. އަދި ކަނޑުދަތުރުފަތުރު ކުރުމުގައިވެސް މޫސުމަށް ޚާއްސަ ސަމާލުކަމެއްދީގެން ދަތުރުކުރުމަށް ވަނީ ނަސޭޙަތްތެރިވެވަޑައިގެންފައެވެ. ނަމަވެސް މޫސުން ގޯސްވުމަށްފަހު މިހާރު މަޑުމަޑުން މޫސުން ރަނގަޅުވަމުންދާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.