ޚަބަރު

އަހަރުގެ މެދުތެރެއަށް ދިރާސީ އަހަރު ބަދަލުކުރުމުން 1.5 ބިލިއަން ރުފިޔާގެ ގެއްލުންވި: ވަޒީރު


  • ދިރާސީ އަހަރަކަށް 3 ބިލިއަން ރުފިޔާ ކަނޑައަޅާ

  • ދިރާސީ އަހަރު މެދުތެރެއަށް ބަދަލުކުރުމުން 6 މަސްދުވަސް ގެއްލުނު

  • އޭގެ ސަބަބުން ބަޖެޓުގެ ދެބައިކުޅަ އެއްބައި ގެއްލުންވި

  • ދިރާސީ އަހަރު މާލީ އަހަރާ ދިމާކުރުމަށް އަންނަނީ މަސައްކަތްކުރަމުން

ނިމިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭ ދިރާސީ އައު އަހަރު ފަށާގޮތަށް ނިންމުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ބޮޑު ގެއްލުމެއްވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ކުރީ ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލުގެނެސްފައިވަނީ އެކަމަށް ޚިޔާލު ހޯދި މީހުންގެ ތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށްކަމަށް ތަޢުލީމީ ވުޒާރާއިން ކުރިން ވަނީ ވިދާޅުވެފައެވެ.

މީލާދީ އަހަރުގެ މެދުތެރޭ ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިދިޔަ ސަރުކާރުން ބަދަލުކުރީ 2021 ވަނަ އަހަރުއެވެ. އޭރުގެ ސަރުކާރުން މި ބަދަލު ގެނެސްފައިވާނީ ކޯވިޑު 19އާ ގުޅިގެން ދަރިވަރުން ސްކޫލަށް ހާޒިރުނުވެވި ދޮޅު އަހަރު ދުވަސް ހޭދަވިފަހުންނެވެ. މި ބަދަލު ގެނައުމާ ގުޅިގެން ދިރާސީ އަހަރުގެ ކިޔެވުން އެ އަހަރު ފެށީ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުއެވެ. އޭގެފަހުން މިއަހަރާ ހަމައަށް ދިރާސީ އަހަރުގެ ކިޔެވުން ފަށަމުން އައީ އޮގަސްޓު މަހުއެވެ.

މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭ ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލުކުރީ ރައްޔިތުންގެ ނުރުހުމުގައި ކަމަށް ވިދާޅުވެ, އަހަރު ފަށާއިރު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އަދި ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް 2026 ވަނަ އަހަރު، ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރަން ތަޢުލީމީ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

ދިރާސީ އަހަރު، އަހަރުގެ މެދުތެރޭ ފަށާގޮތަށް ބަދަލުކުރުމުން ލިބުނު ގެއްލުންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ދިރާސީ އަހަރަކަށް ދައުލަތުން ގާތްގަނޑަކަށް 3 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާ ކަމަށެވެ. މިގޮތަށް ބަޖެޓު ކަނޑައަޅާއިރު ދިރާސީ އަހަރުން 6 މަސް ދުވަސް ނަގާލުމުން އެ ބަޖެޓުން 1.5 ބިލިޔަން ރުފިޔާގެ ގެއްލުން ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދައުލަތުގެ މާލިއްޔަތަށް ގެއްލުންވުމުގެ އިތުރަށް ދިރާސީ އަހަރުގެ ފެށުން ލަސްކޮށްލުމުން އެ ކުދިންގެ ޢުމުރުން 6 މަސް ދުވަސް ގެއްލިގެން އެދަނީ. އެކުދިންނަށް 6 މަސް ދުވަސް ފަހުން ގްރެޖުއޭޓް މިވެވެނީ. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ މިކަންކަން ހައްލު ކުރުން." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ވަޒީރު ވަނީ 2026 ވަނަ އަހަރު ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފަށާގޮތަށް ބަދަލުކުރުމުގެ ގޮތުން މިހާރު ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން މި ބަދަލު ގެންނާނީ 5 ޓާމެއްގެ މައްޗަށް ކުރިއަށް އޮތް ދިރާސީ އަހަރުތައް ބަދަލުކޮށްގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ބަދަލު ގެންނަނީ ކެމްބްރިޖުން ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ ގަޑިތަކުގެ އުޞޫލާ ޚިލާފުނުވާ ގޮތަށް، ކަމާބެހޭ ފަރާތްތަކުގެ ލަފާ ހޯދައިގެންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ތަޢުލީމީ ވުޒާރާއިން މިހާރު ނެރެފައިވާ އެކެޑެމިކް ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ދިރާސީ އަހަރު މިމަހު 26ގައި ފަށާފައިވާއިރު މި ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ 2025 ވަނަ އަހަރުގެ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި 2025 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށާނީ އޭޕްރީލް 6 ގައެވެ.