ޚަބަރު

ކުދި ޖަޒީރާ ޤައުމުތަކަށް ޑިޖިޓަލް ހެލްތު ނިޒާމު ވަރަށް މުހިންމު: ޑރ.ޚަލީލު


  • ކޮމަންވެލްތް މިނިސްޓަރރުންގެ ބައްދަލުވުމާއި ހެލްތު އެސެމްބްލީގައި ރާއްޖެއިން ބައިވެރިވޭ

  • ރާއްޖެއިން 6 ހުށައެޅުމަށް ހުށައެޅުއްވި

  • ހެލްތު އެސްމްބްލީ އޮންނާނީ މާދަމާ

ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް "ޑިޖިޓަލް ހެލްތް" ނުވަތަ ސިއްޙީ ޚިދުމަތުގެ ޒަމާނީ ލުއިފަސޭހަ ނިޒާމުތަކަކީ ވަރަށް މުހިންމު ނިޒާމެއްކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޖެނީވާގައި މިހާރު ކުރިއަށްދާ ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުމުގެ ތެރެއިން ބޭއްވި ފޯރަމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮމަންވެލްތަކީ 56 ޤައުމުގެ މައްޗަށް އެކުލެވޭ ބައިނަލްއަޤުވާމީ ޖަމުޢިއްޔާއެކެވެ.

މިފަހަރުގެ ކޮމަންވެލްތް ހެލްތް މިނިސްޓަރުންގެ ބައްދަލުވުންތައް ބިނާކޮށްފައިވަނީ ކޮމަންވެލްތު ޤައުމުތަކުގައި، ވަކިން ޚާއްޞަކޮށް އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ނާޒުކު ހާލަތުގައިވާ ކުދިކުދި ޤައުމުތަކުގައި ހަރުދަނާ އަދި ތަފާތު ޞިއްޙީ ޙާލަތްތަކާ ކުރިމަތުލުމަށް ޤާބިލު ޞިއްޙީ ނިޒާމެއް ޤާއިމުކުރުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

އެގޮތުން ރާއްޖޭގެ ފަރާތުން ބައިވެރިވި ބައްދަލުވުންތަކުގައި ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު ވަނީ ރާއްޖެ ފަދަ ވަކިވަކި ރަށްތަކަށް އޮތް ޤައުމެއްގައި ފަސޭހަކަމާއެކު ޚިދުމަތްތަކަށް ވާސިލްވެވޭ ނިޒާމެއް އޮތުން ކޮންމެހެން މުހިންމުކަމަށް ވިދާޅުވެފައެވެ. ވަޒީރު ވަނީ ޑިޖިޓަލް ހެލްތް ނިޒާމު ނުވަތަ ސިއްޙީ ނިޒާމުގެ ޒަމާނީ ލުއިފަސޭހަ ބަދަލުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އޭގެ ސަބަބުން، ޕޭޝަންޓުން ނުވަތަ ޚިދުމަތްހޯދާ މީހުންނާ ގުޅޭ މުހިންމު މަޢުލޫމާތު އެއް ސެންޓަރުން އަނެއް ސެންޓަރަށް އަވަހަށް ފޯރުކޮށްދެވި، ފަރުވާ ދިނުމުގައި އަވަސްކުރެވޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަނީ ޑިޖިޓަލް ހެލްތް ނިޒާމަކަށް ވާސިލުވުމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް ޙިއްސާކުރައްވާފައެވެ. އޭގެތެރޭގައި މިހާރު ރާއްޖޭގެ ސިއްޙީ ނިޒާމު ލުއިފަސޭހަ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިމަގުގައި އިތުރަށް ކުރިއެރުވިދާނެ ކަންކަމާގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރައްވާ މަޝްވަރާކުރެއްވިއެވެ.

ކޮމަންވެލްތު ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގެ އެކި ބައްދަލުވުންތަކުގައި ޖުމްލަ 6 ހުށަހެޅުމެއް ރާއްޖެއިން ހުށައަޅާފައިވާކަމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެގޮތުން ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޚަލީލު ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި، ޞިއްހީ ޚިދުމަތް ދިނުމުގައި އާއްމު ސިއްޙަތު ކުރިއެރުވުމުގެ އުޞޫލުގެ މުހިއްމުކަމާއި ރާއްޖޭގައި މިކަމަށް ޚާއްޞަކޮށް ހިންގަމުންގެންދާ މަޝްރޫޢުގެ މަޢުލޫމާތު ޙިއްޞާ ކުރެއްވިއެވެ. އަދި ރައްޔިތުންގެ ޞިއްޙީ ޙާލަތު ދުރާލާ ދެނެގަތުމަށް ސްކްރީނިން ކުރުމާ އަދި ސިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ މިންވަރު އިތުރެވެއްޖެނަމަ، ބަލިތަކުން ރައްކާތެރިވުމުން ދައުލަތުން ކުރަންޖެހޭ ހޭދަ ދުރު މުސްތަޤްބަލުގައި ކުޑަވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިގެއިތުރުން ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަކީ ތިމާވެށީގެ ނުރައްކަލުން ރައްކާތެރި ތަންތަނަށް ހެދުމާއި ސިއްޙީ ޚިދުމަތްތެރިންގެ ފެންވަރު ރަނގަޅުކޮށް، ޚިދުމަތުގައި ދެމެހެއްޓޭނެ ގޮތްތަކާއި ސިއްޙީ އާންމު ޙާލަތު ރަނގަޅުކުރުމަށް މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިއެވެ.

ބައްދަލުވުންތަކުގައި ވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ސިއްޙަތާ ހުރި ގުޅުމުގެ މައްޗަށް ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމުގެ މުހިންމުކަން ފާހަގަކުރައްވާ، ވަޒީރު ވަނީ މުއްސަނދު ޤައުމުތަކުން ކުދި ޤައުމުތަކަށް އެހީވުމަށް ގޮވާލާފައެވެ. އަދި ކްލައިމެޓް ފަންޑްތަކުން ޤައުމުތަކަށް އެހީދިނުމުގައި މިންކުރާ ގޮތާމެދު ސުވާލު އުފައްދަވާ، އެހީ ދިނުމުގައި ބަލަންވާނީ ޖީ.ޑީ.ޕީއަށް އެކަނި ނޫންކަމަށް ވިދާޅުވިއެވެ. ބަދަލުގައި ޤައުމުގެ ނާޒުކު ޙާލަތްތައް ދެނެގަތުމަށް އެކުލަވާލާފައިވާ "މަލްޓީ ޑިމެންޝަނަލް ވަލަނަރަބިލިޓީ އިންޑެކްސް " އަށް ރިޢާޔަތް ކުރުމަށް ގޮވާލެއްވިއެވެ.

މި ދަތުރުފުޅުގައި ސިއްޙަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލްގެ އިތުރުން ސްޓޭޓް މިނިސްޓަރ ޚާދީޖާ ޢަބްދުއްޞަމަދުއާއި މިނިސްޓްރީ އޮފް ހެލްތާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ހިމެނޭގޮތަށް އިތުރު 2 އޮފިޝަލުން ބައިވެރިވިއެވެ.

ކޮމަންވެލްތްގެ ހެލްތް މިނިސްޓަރުންގެ ބައްދަލުވުމާއި، ވޯލްޑް ހެލްތް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ސިއްޙަތާބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލު، ސުވިޓްޒަލޭންޑްގެ ޖެނީވާއަށް ވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މިނިސްޓަރރުންގެ ބައްދަލުވުމަކީ އަހަރަކު އެއްފަހަރު ބާއްވާ ބައްދަލުވުމެކެވެ.

ކޮމަންވެލްތް 77ވަނަ ވޯލްޑް ހެލްތް އެސެމްބްލީ އޮންނާނީ މާދަމާއެވެ.