ޚަބަރު

"އެކްސްޕޯ 2020 ދުބާއީ" ގައި ބައިވެރިވުމުގެ ދައުވަތު ރައީސްއަށް


2020 ވަނަ އަހަރު ދުބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2020 ދުބާއީ" ގައި ރާއްޖެއިން ބައިވެރިވުމުގެ ދައުވަތު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މި ދަޢުވަތު އެރުއްވީ ޔޫ.އޭ.އީ ގެ ނައިބު ރައީސް އަދި ބޮޑުވަޒީރު، އަދި ދުބާއީގެ އަމީރު ޝައިޚް މުޙައްމަދު ބިން ރާޝިދު އަލްމަކްތޫމްގެ ފަރާތްޕުޅުންނެވެ. އަދި މި ދައުވަތު ރައީސުލްޖުމްހޫރިއްޔާއަށް އެރުއްވީ ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ޝައިޚް ޢަބްދުﷲ ބިން ޒާއިދް އާލް-ނަޙްޔާން، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު އުފެދިފައިވާ ގާތް ގުޅުން ދެބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްޕުޅުތަކުގެ މަޢުލޫމާތު ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރާ ހިއްޞާ ކުރައްވަމުން ޚާއްޞަކޮށް ރާއްޖޭގެ ވިޔަފާރިއާއި އިޤްތިޞާދު ފުޅާކުރެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.

ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، އިޢާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ސާފު ބޯފެން އުފެއްދުމުގެ ޚާއްޞަ މަޝްރޫޢާ ބެހޭގޮތުން ޔޫ.އޭ.އީ ގެ ޚާރިޖީ ވަޒީރު ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް ދުންޔާ މައުމޫނާއި، ޔޫ.އޭ.އީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޢަބްދުﷲ ޙަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.