ޚަބަރު

ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރުންތަކަކަށްވުމަށް ތަޢުލީމާ ބެހޭ ވަޒީރު ގޮވާލައްވައިފި


  • ތަފާތު ރޮނގުތަކުން، ކުރިއަށް ދެވޭނެ މަގުތަނަވަސްވުމަކީ ބޭނުންތެރިކަމެއް

  • ފަންނުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރެވޭނީ ގުޅިގެން ކުރާ މަސައްކަތުންކަމަށް ވިދާޅުވި

  • ތަޢުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްވަނީ ރާވާފައި

ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށްވުމަށާއި އުނގެނުމަށް ލިބިފައިވާ މިރަނުގެ ފުރުޞަތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަށް ތައުލީމާ ބެހޭ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ. ތަޢުލީމާ ބެހޭ ވަޒީރު މިކަމަށް ނަސޭހަތްތެރިވެވަޑައިގެންނެވީ މިއަދު ފެށުނު ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައެވެ.

ދިރާސީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ތަޢުލީމާ ބެހޭ ވަޒީރު ދެއްވި ޚިޠާބުގައި، އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން، އެއީ ޢިލްމީ، ނުވަތަ ކުޅިވަރުގެ ނުވަތަ މަސައްކަތްތެރިކަމުގެ ރޮނގުން ކަމުގައިވިޔަސް، މިއިން ކޮންމެ ރޮނގަކުން ކުރިއަށް ދެވޭނޭ މަގުތަށް ތަނަވަސްވެފައި ވުމަކީ، ދަރިވަރުންގެ މުސްތަޤުބަލަށާއި ޤައުމުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރިކަމެއް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މަގަށް ކަންތައްތައް ތަރުތީބު ކުރުމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، އޭ-ލެވެލް މަރުޙަލާގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް، އެދަރިވަރުންނަށް ފަންނީ ތަފާތު ދާއިރާތަކުން މަސައްކަތްތެރިކަމުގެ ތަޢުލީމާއި ތަމްރީނު ލިބޭނޭގޮތަށް ފަރުމާކުރެވިގެން ހިންގާ ޕްރޮގްރާމްތަކެއް ކައިރި މުސްތަޤުބަލެއްގައި ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވީ ޢިލްމީ، ފަންނުވެރި، މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތް ކާމިޔާބުވާނީ އަޅުގަނޑުމެން އެންމެން، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު، ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. ޚާއްޞަކޮށް ސްކޫލުތަކާއި ބެލެނިވެރީންނާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެ ހަރުދަނާވެގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިފެށޭ ދިރާސީ އަހަރަކީ މިދެންނެވި ގުޅުންތައް އިތުރަށް ތަރައްޤީވެ، ދަރިވަރުންގެ ކުރިއެރުމަށް އެންމެންގެ ވިސްނުމާއި ފިކުރު ސީދާވެގެންދާނެ އަހަރެއްކަމުގައި ޔަޤީންކުރައްވާ ކަމަށް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ދިރާސީ އަހަރާ ބައްދަލުކުރާއިރު، ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އިސްތިރާޖީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ އުއްމީދީ ގިނަގުނަ މަސައްކަތްތައް ރޭވި، އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ވިދާޅުވިއެވެ. އަދި ދެންހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ދިރާސީ އައު އަހަރުގެ މުނާސަބަތުގައި ދެއްވި މިޚިޠާބުގައި ވަޒީރު ވިދާޅުވީ މިދިވެހި އިސްލާމީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ރައްކާތެރިވާ، އިސްލާމްދީން ދެކެ ލޯބިވާ، ދިވެހި ޤައުމާ މެދު ފަޚުރުވެރިވާ، ދިވެހިވަންތަކަން ހުރި ދިވެހި ދަރީން ބިނާކުރުމުގެ އައު ވިސްނުންތަކެއް، ތަޢުލީމީ ނިޒާމަށް ގެނައުމުގެ ބޭނުންތެރިކަން އިހުނަށްވުރެ ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ތަޢުލީމީ މަންޖަހުގެ ތެރެއިން ދިވެހިރާއްޖޭގެ ސަގާފަތާއި ތަރިކައިގެ އަގު ވަޒަންކުރާ، ޤައުމީ ބަހާތަކަށް އިސްކަންދޭ، ފަރުދީ އަދި މަދަނީ ޒިންމާތައް އަދާކުރުމަށް ބޭނުންވާ މަޢުލޫމާތާއި، ހުނަރާއި ސިފަތައް ހުރި ދަރިވަރުން ބިނާކުރުމުގެ، މަސައްކަތަށް އިތުރު ސަމާލުކަމެއްދީ، ޤައުމު ދެކެ ލޯބިވާ ފަރުދުންތަކެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.

ދިރާސީ އައު އަހަރަކަށް ކުރިމަތިލާއިރު، ދަރިވަރުން އެންމެ ބޮޑު އިސްކަމެއް ދޭންވީ، އިސްލާމް ދީނަށް ލޯބިކުރާ، މައިންބަފައިންނަށް ކިޔަމަންތެރި، މުދައްރިސުންނަށް ޤަދަރާއި އިޙްތިރާމްކުރާ، ހިންމަތާއެކު އުނގެނުމަށް މަސައްކަތްކުރާ، ޒިންމާދާރު ދަރިވަރަކަށްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި އެކަކު އަނެކަކަށް އިޙްތިރާމް ކުރުމާއެކު، ތިމާ އާއި ތިމާ ވަށައިގެންވާ އެންމެންގެ ސަލާމާތާއި ރައްކާތެރިކަމަށް އިސްކަންދޭ ދަރިވަރަކަށް ވުމަށާއި އުނގެނުމަށް މިލިބިފައިވާ ރަނުގެ ފުރުޞަތު އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމަށް ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުވަނީ ދަރިވަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ވަޒީރު ވިދާޅުވީ އުނގެނުމާއި އުނގަންނައިދިނުން އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ގެންދެވޭނީ ސްކޫލުތަކުގެ ވެއްޓަކީ އުނގެނުމަށް ފަހި، އުފާވެރި ވެއްޓަކަށް ވެގެންކަމަށެވެ. ދަރިވަރުންގެ އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލާ، އުފާވެރި، ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ޤާއިމުކުރުމަކީ، މިސަރުކާރުން ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާނެ ކަމެއްކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން، ކުލާސްތަކުގައި ދަރިވަރުން ތިބޭއިރު، ހޫނުވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް، ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ދާދި އަވަހަށް ފެށިގެން ކުރިއަށް ދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.