ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ކުޅުދުއްފުށީ އޮޑިޝަން


ޕީއެސްއެމުން އިންތިޒާމްކޮށްގެން މި އަހަރުގެ ރަމަޟާންމަހު ބާއްވާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ކުޅުދުއްފުށީ އޮޑިޝަންގައި 370 އަށްވުރެ ގިނަ ކުދިންގެ ކިޔެވުމާއެކު، އޮޑިޝަން ނިންމާލައިފިއެވެ.

ކުޅުދުއްފުށީ އޮޑިޝަންގައި ހއ، ހދ، ށ. ގެ އިތުރުން ނ އަތޮޅުންވެސް ކުދިން ބައިވެރިވެފައިވެއެވެ. މި މުބާރާތުގެ އޮޑިޝަންތައް ފަށާފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުއެވެ. މާލޭގެ އިތުރުން ރާއްޖޭގެ 4 ސަރަޙައްދެއްގައި އޮޑިޝަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މާލެއާއި ކުޅުދުއްފުށީ އޮޑިޝަން މިހާރުވަނީ ނިމިފައެވެ.

ކުޑަކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާން ކިޔެވުމުގެ ލޯބި އަށަގަންނުވައި، ތަޖުވީދު މަގުން ޤުރުއާން ކިޔަވާ ކުދިންތަކެއް ބިނާކުރުމުގެ ބޭނުމުގައި ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ބާއްވާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި، މާލެ އޮޑިޝަންގައި މިއަހަރު 1،225 ކުދިން ބައިވެރިވެ ކިޔަވާފައިވެއެވެ. މީގެ ތެރެއިން ޤުރުއާން މުބާރާތުގައި ބައިވެރިވާނީ އެންމެ މަތިން މާކްސް ލިބޭ 500 ކުދިންނެވެ.

މީގެއިތުރުން ކުޅުދުއްފުށްޓާއި، އުނގޫފާރާއި، ފޮނަދޫއާއި އަދި އައްޑޫ ސިޓީގައި ބާއްވާ އޮޑިޝަންތަކުން ޖުމްލަ 200 ކުދިން މުބާރާތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އައްޑޫ ސިޓީގެ ހިތަދޫގެ އޮޑިޝަން އޮންނާނީ، މިމަހުގެ 12 އިން 14 އަށެވެ. ރ. އުގޫފާރުގެ އޮޑިޝަން އޮންނާނީ، މެއި މަހުގެ 19 އިން 21 އަށެވެ. އަދި ލ. ފޮނަދޫގެ އޮޑިޝަން އޮންނާނީ، މެއި މަހުގެ 26 ން 28 އަށެވެ. އަތޮޅުތެރޭގައި މުބާރާތަށް ހޮވޭ ކުދިން މާލެ އައިސް ކިޔެވުމުގެ ބަދަލުގައި މުބާރާތުގައި ކިޔެވުމުގެ ބައި އެ އަތޮޅަކުން އޮޑިޝަނަށްފަހު ރެކޯޑްކުރުމަށްވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އޮޑިޝަންގައި ބައިވެރިވުމަށްޓަކައި ވާދަކުރާ ޢުމުރުފުރާއިން ބޭނުންވާ ގޮފީގެ ކިޔެވުން އޮންނަ ގަޑިއެއްގައި ފޮޓޯޖެހި ރަސްމީ ލިޔުމެއް ހިފައިގެން ދިޔުމުން އޮޑިޝަނުން ފުރުޞަތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.