ޗައިނާއާއެކު ޤާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަހަރުތެރޭގައި އަމަލުކުރަން ފެށޭނެކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. އެއްބަސްވުމަށް އަމަލުކުރުމަށް 2017 ވަނަ އަހަރު މަޖިލީހުން ރުހުން ލިބިފައިވާއިރު 2018 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު އެ އެއްބަސްވުމަށް އަމަލުކުރުން އޮތީ މަޑުޖެހިފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން 296 ބާވަތެއްގެ ސީފުޑް ޗައިނާއަށް އެއްވެސް ޓެރިފަކާއި ނުލައި އެކްސްޕޯޓުކުރެވޭނެ ކަމަށެވެ. އަދި މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަަކައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އެފްޓީއޭ އިމްޕްލިމެންޓު ކުރަން މަޖިލިސް ފެށޭއިރަށް މަޖިލީހަށް ލާނަން، އެހެންވީމަ މި އަހަރުތެރޭ އެފްޓީއޭ އިޕްލިމެންޓުވެގެންދާނެ،" ވަޒީރު ސައީދު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ ވަރަށް ގިނަ ފައިދާތަކެއް ދިވެހި ވިޔަފާރިވެރިންނަށް މި އެއްބަސްވުމާއިއެކު ލިބިގެންދާނެ ކަމަށެވެ. އަދި ބައެއް ބާވަތުގެ ސީފުޑް ޗައިނާއިން ރާއްޖެއަށް އެތެރެކޮށް، އަގު އެއްކުރުމަށްފަހު ރާއްޖެއިން އެކްސްޕޯޓުކުރެވޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"25% ރާއްޖެއިން އެޑްކުރީމަ، މޭޑް އިން މޯލްޑިވްސް ލޭބަލް ޖެހޭނެ، ރާއްޖެއިން ޑިނގާ ކަހަލަ އެއްޗެހި އިމްޕޯޓުކޮށްފައި، އޭތި ރާއްޖޭގައި ޕެކްކޮށްފައި، ރާއްޖެއިން ބޭރުކުރެވޭނެ ޗައިނާއަށް ސުން ޕަސަންޓުގައި،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ ރާއްޖެއިން ފާނަ ފަދަ ބާވަތްތައްވެސް އެކްސްޕޯޓުކުރުމަށްވެސް ގިނަ ފުރުސަތުތަކެއް ހުށުވިގެންދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ ޗައިނާގެ އިތުރުން އެހެން ޤައުމުތަކާއި އެކުވެސް މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކުރުމަށް ވާހަކަދެކެވެމުންދާކަމަށެވެ. އެގޮތުން ތުރުކީ އާއި އެކުވެސްވެފައިވާ އެއްބަސްވުމަށް މިއަހަރުތެރޭ އަމަލުކުރެވޭނެ ކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުން ގާއިމްކުރުމަށް އިންޑިއާއިންވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.