ޚަބަރު

ށ.އަތޮޅުގައި ކުށް މަދުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތް


ށ.އަތޮޅުގައި ކުށްކުރުން މަދު ވެއްޓެއް ޤާއިމުކުރެއްވުމަށް ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގަވާ ޕްރޮގްރާމްތައް ހިންގެވުމަށް މާލީ އެހީ ދެއްވުމާބެހޭ އެމްއޯޔޫއެއްގައި ށ. އަތޮޅު ކައުންސިލާއި، ށ.ފުނަދޫ ޕޮލިސް ސްޓޭޝަނާ ދެމެދު ސޮއިކުރައްވައިފިއެވެ.

މި އެމްއޯޔޫގެ ދަށުން ށ. އަތޮޅުގައި ކުށްމަދުކުރެއްވުމަށް ހިންގަވާ ޕްރޮގްރާމުތަކަށް ސަތޭކަހާސް ރުފިޔާގެ މާލީ އެހީއެއް ދެއްވަން ހަމަޖެހިފައިވާކަމަށް ށ. އަތޮޅު ކައުންސިލުން ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ ތެރެއިން ށ. އަތޮޅުގެ ވިޔަވަތި ޓްރަސްޓްގައި ހިމެނޭ ވިޔަފާރިތައް އިޝްތިހާރުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުމުގެ މަޤްޞަދުތަކުގެ ތެރޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުމާއި، މަސްތުވާ ތަކެއްޗާމެދު ޒުވާނުންނާއި ޢާންމުން ހޭލުންތެރި ކުރެއްވުމާއި، ކުށްކުރުން މަދު ވެއްޓެއް ބިނާކުރެއްވުން ހިމެނެއެވެ. އަދި ކުށުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެއްވުމާއި، ގެވެށި އަނިޔާ ހުއްޓުވުމާއި، ގެވެށި އަނިޔާގެ ޝިކާރަޔަކަށްވެފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދެއްވުންވެސް ހިމެނެއެވެ. މީގެއިތުރަށް އަންހެނުންނާއި، އިސްރަށްވެހިންނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމާއި ހޭލުންތެރި ކުރެއްވުމަށް ށ. އަތޮޅުގައި ފުލުހުން ރާއްވަވައި، ހިންގަވާ ތަފާތު ޕްރޮގްރާމްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުން ހިމެނެއެވެ.

ށ.އަތޮޅު ކައުންސިލް އިދާރާގެ ބޭއްވެވި ބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ޕްރޮގްރާމްގެ ކޯޑިނޭޓަރ އަދި އަތޮޅު ކައުންސިލަރ ޢަބްދުﷲ ނާހިދުއެވެ. ށ.ފުނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ސޮއިކުރެއްވީ ށ. އެޓޮލް ކޮމާންޑަރ ސަބް އިނިސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޞްޠަފާއެވެ.