ދުނިޔޭގެ އިތުރު 7 ގައުމަކުން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމުމާގުޅިގެން ރާއްޖެއިން މަރުޙަބާ ކިޔައިފިއެވެ.
ފަލަސްޠީނުގެ މިނިވަންކަން ބަލައިގަތުމަށް ނިންމައި, އެކަން އިޢުލާނު ކޮށްފައިވަނީ ނޯވޭއާއި, އަޔަލެންޑު، ސްޕެއިން، ބަހާމާސް، ޓްރިނިޑޭޑް އެންޑް ޓޮބޭގޯ، ޖަމައިކާ އަދި ބާބޭޑޯސްއެވެ.
މިގައުމުތަކުގެ ނިންމުމަށް މަރުޙަބާ ކިޔާ ޚާރިޖީ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ ދުނިޔޭގެ ދެން ބާކީ ތިބި ޤައުމުތަކުންވެސް ފަލަސްޠީނަކީ މިނިވަން ދަޢުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ.
Maldives welcomes the decision by several countries to recognise #Palestine. Maldives calls on those nations that have not done so, to adhere to the stance to support the Palestinian people in their quest to establish an independent and sovereign State.
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 23, 2024
🇳🇴 🇮🇪 🇪🇸 🇧🇸 🇹🇹 🇯🇲 🇧🇧
އދ. ގައި ހިމެނޭ 193 ގައުމުގެ ތެރެއިން މިހާތަނަށް 143 ގައުމަކުންވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.
މީގެ 6 މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,709އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,990އަށް އުފުލިފައެވެ. އދން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.