ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސަރުކާރަށް ބަދަލުތަކެއް ގެންނަވަނީ ހިންގުން ރަނގަޅުކުރުމަށް: އަބްދުއްރަހީމް


  • ސަރުކާރުގެ މަޤާމުތަކަށް ބަދަލު ގެންނަނީ ރައީސް ބޭނުންވާ ސްޕީޑުގައި ކަންކަން ކުރިއަށްގެންދަން

  • މަގާމުތަކަށް ބަދަލުތަކެއް ގެނެސްގެން ސަރުކާރާށް އެއްވެސް ހީނަރުކަމެއް ނާންނަކަމަށް ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ސަރުކާރުގެ ބައެއް މަޤާމުތަކަށް ބަދަލުތައް ގެންނަވަނީ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދައި ސަރުކާރުގެ ހިންގުން ރަނގަޅުކުރެއްވުމަށްކަމަށް ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަހީމް ޢަބްދުﷲ މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ސަރުކާރުގެ ބައެއް މަޤާމުތަކުގައި ތިބެއްވި ފަރާތްތައް މިހަފްތާ ތެރޭގައި މަޤާމުތަކުން ވަކިކުރެއްވައި އަދި ބައެއް ބޭފުޅުން އިސްތިއުފާ ދެއްވާފައިވާތީ އެކަމާއި ގުޅިގެން ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އައްޔަން ކުރައްވަން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ނިންމާފައިވާ ފުނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުރަހީމް އަބްދުﷲ ވިދާޅުވީ ސަރުކާރުގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ބަދަލުތައް އައުމަކީ ނުވެ ނުދާނެކަމެއްކަމަށެވެ. އަދި އެފަދަ ބަދަލުތައް ގެންނަނީ ހަމައެކަނި އަދުގެ ސަރުކާރުން ނޫންކަމަށްވެސް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުތަކަށް އިޝާރާތްކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޤައުމުގެ ކުރިއެރުމަށް މަސައްކަތް ނުކުރެވުނަސް 5 އަހަރުގެ ދަޢުރެއް ނިމެންދެން ވަޒީރުންނާއި އެނޫންވެސް މަޤާމުތައް ބަދަލުނުކުރާ ސަރުކާރުތަކާއި 5 އަހަރުގެ ދައުރުގެ ތެރޭގައި އެތައް ފަހަރަކު ނާއިބު ރައީސުންނާއި ވަޒީރުންވެސް ބަދަލުކުރި ސަރުކާރުތައް ރައްޔިތުން ދެކެފައިވާނެކަމަށެވެ.

ސަރުކާރުގެ މަޤާމުތަކަށް އައްޔަންކުރާ ފަރާތްތަކުން އެދެވޭ މިންވަރަކަށް މަސައްކަތް ނުކުރެއްވި ނަމަވެސް ދައުރު ނިމެންދެން އެމީހަކު މަޤާމު ބަހައްޓައިގެން ކުރީގެ ސަރުކާރުތަކުން ތިބި ނަމަވެސް ޕީއެންސީން ވެރިކަމަށް އައީ އެކަން އެގޮތަށްކުރަން ނޫންކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މަޤާމުތަކަށް ގެންނަ ބަދަލުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންވާ ސްޕީޑުގައި ކަންކަން ކުރިއަށްގެންދާއިރު މިހާރު ކަންކަން ދާގޮތަށް ބަލައި އެމަނިކުފާނަށް ބަދަލު ގެންނަންޖެހޭކަމަށް ޤަބޫލުކުރެވުމުން ގެންނަވާ ބަދަލުތަކެއްކަމަށާއި އެއީ ސަރުކާރުގެ ހިންގުން ރަނގަޅު ކުރެއްވުމަށް ގެންނަވާ ބަދަލުތަކެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"ސަރުކާރަށް ރައީސް ޑރ. މުޢިއްޒު ގެންނަވާ ބަދަލުތަކަކީ އެމަނިކުފާނު ރައްޔިތުންނަށް ވީވަޢުދާއެއްގޮތަށް މަސައްކަތް ކުރެއްވުމައްޓަކައި ގެންނަވާ ބަދަލުތަކެއް. އެމަނިކުފާނު ވިދާޅުވެފަ އޮންނާނެ އެމަނިކުފާނާ އެއްކޮށް މަސައްކަތް ކުރެވޭނީ 24 ގަޑިއިރުވެސް މަސައްކަތުގަ އުޅޭވޭ ބޭފުޅުންނަށޭ. ހަމައެއާއެކު ގެންނަވަންޖެހޭ ބަދަލުތައް ގެންނަވަން އެމަނިކުފާނު ފަސްޖެހިވަޑައި ނުގަންނަވާނެ. އޭގެ ސަބަބުން ސަރުކާރާށް އެއްވެސް ހީނަރުކަމެއް ނާދޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުގެ މަޤާމެއްގައި ހުންނަ މީހަކު އިސްތިއުފާ ދެއްވުމަކީ އެމީހެއްގެ އަމިއްލަ ކަމެއްކަމަށާއި އިސްތިއުފާ ދޭނީ ހިތްހަމަ ނުޖެހިގެންކަމަށްވާއިރު އެމީހެއްގެ ފަރާތުން ފާޑުކިއުންވެސް އަމާޒުވާނެކަމަށެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުގެ މަޤާމުގައި ހުންނެވި އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލްއަށް އަމާޒުވާ ފާޑުކިއުންތަކާއި ފުރައްސާރައާ ގުޅޭގޮތުން ރައްދުދޭން ބޭނުންނުވި ނަމަވެސް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމަކީ ވަކި އާއިލާއެއްގެ ވަކި މީހަކު ކުރަން އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ކެބިނެޓް އެކުލަވާލާނެ ގޮތް އެނގިވަޑައިގަންނަވާނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ފައިސަލްއަށް ދެއްވީ އެމަނިކުފާނު ފައިސަލްއަށް އިތުބާރުކުރައްވާތީކަމަށެވެ.

އަބްދުއްރައީމް ވިދާޅުވީ ސަރުކާރުގެ އެއްވެސް މަގާމަކަށް ބަދަލު ގެނެސްގެން ސަރުކާރަށް ހީނަރުކަމެއް ނާންނަނެކަމަށެވެ.