ކުޅިވަރު

ޔޫރޮޕާ ލީގުގެ ފައިނަލުން ލެވަކޫސަން ބަލިވުމުން އަލޮންސޯއަށް ހިތްދަތިކަން


ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލުގައި އެޓަލާންޓާ އަތުން ބަޔާ ލެވަކޫސަން ބަލިވި މެޗުން ވަރަށް ބޮޑު ހިތްދަތިކަމެއް ކުރިމަތިވި ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ޒަބީ އަލޮންސޯ ބުނެފިއެވެ.

އެޓަލާންޓާ އަތުން ބަލިވި މެޗާ ހަމައަށް ލެވަކޫސަން ވަނީ ބަލިނުވެ 51 މެޗު ފުރިހަމަކޮށްފައެވެ. ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދި ލެވަކޫސަން ޔޫރޮޕާ ލީގުގެ ފައިނަލުގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޓަލާންޓާގެ އަޑެމޯލާ ލުކްމަން ވަނީ ހެޓްރިކެއް ހަދާފައެވެ.

ލެވަކޫސަންއަށް މުބާރާތުގެ ތަށި ގެއްލުނުއިރު، އެ ޓީމުގެ ރިކޯޑަށްވެސް ވަނީ ނިމުން އަތުވެފައެވެ. އަލޮންސޯ ބުނީ ސީޒަނެއްގެ 52 މެޗުގައި ބަލިވުމަކީ އާދައިގެ ކަމެއް ނޫން ކަމަށާއި، އެކަމުން ހާމަވާ ކަމަކީ ބަލިނުވެ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން ކަމަށެވެ. އެ ކަންކަމަށް ފަޚުރުވެރިވާ ކަމަށާއި، އެކަމަކު ބަލި ދިމާވި ގޮތް ވަރަށް ހިތްދަތި ކަމަށްވެސް އަލޮންސޯ ބުންޏެވެ.

މި ސީޒަނުގައި ލެވަކޫސަންއަށް އަދި އެއް ތަށި ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ މި ހޮނިހިރު ދުވަހު ކައިސަސްލައުޓެންއާ ދެކޮޅަށް ކުޅޭ ޖަރުމަން ކަޕުގެ ފައިނަލް މެޗެވެ.