ޚަބަރު

ސީޕްލޭން ޓަރމިނަލް ފުލްމޫން ރިސޯޓަށް ބަދަލުކުރުމަށް ދަނީ މަޝްވަރާކުރަމުން: ސަޢީދު


  • ވީއައިއޭ ތަރައްޤީކުރުމަށް 20 އަހަރުގެ މާސްޓަރ ޕްލޭނެއްވަނީ ކަނޑައަޅާފައި

  • މިޕްލޭންގެ ދަށުން ވީއައިއޭއަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ

  • މިހާރުގެ ސީޕްލޭން ޓަރމިނަލް ބަދަލުވާނީ ޖެޓް ޓަރމިނަލަކަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މާސްޓަރ ޕްލޭންގެ ދަށުން މިހާރުގެ ސީޕްލޭން ޓާރމިނަލް ހުރި ސަރަހައްދު ބަދަލުވެގެންދާނީ ޕްރައިވެޓް ޖެޓް ޓާރމިނަލަކަށް ކަމަށް އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ 20 އަހަރުގެ މާސްޓަރ ޕްލޭނެއް މިއަހަރުގެ ޖެނުއަރީމަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އިފްތިތާޙުކުރައްވާފައެވެ.

ވީއައިއޭ ތަރައްޤީކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ މާސްޓަރ ޕްލޭންގެ ދަށުން އަހަރަކު 25 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް އެތަން ބަދަލުކުރެވޭނެއެވެ. އެއީ ގަޑިއަކު 4000 ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ކެޕޭސިޓީއެވެ.

ވީއައިއޭ އިތުރަށް ތަރައްޤީކުރުމަށް ރާވާފައިވާގޮތުގެ ތަފްސީލްތައް ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހިއްސާކުރައްވަމުން އިޤްތިޞާދީ ތަރައްގީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މި މަޝްރޫޢުގެ ދަށުން އެއަރޕޯޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަަމަށެވެ.

އެގޮތުން އެއަރޕޯޓުގެ އިތުރަށް ބޮޑުވާނެ ކަމަށާއި މިހާރުގެ ސީޕްލޭން ޓަރމިނަލް ހުޅުމާލެއާއި ޖެހިގެން އޮތް ފުލްމޫން ރިސޯޓަށް ބަދަލުކުރާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅޭ މަޝްވަރާތައް ފުލްމޫން ރިސޯޓު މިވަގުތު ހިންގާ ފަރާތާއެކު މިހާރު ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.

"މިހާރު ހިންގާ ޓަރމިނަލް ބަދަލުވާނީ ޖެޓް ޓަރމިނަލަކަށް، އެތަނުގެ މޫދު ހިއްކާފައި، އެތަނުގައި އަޅާނީ ޑޮމެސްޓިކް ޓަރމިނަލް، އެހެންވީމަ ސީޕްލޭން ޓަރމިނަލް ބަދަލުކުރާނީ ފުލްމޫން ރިސޯޓަށް، މިކަމާއި ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،" ވަޒީރު ވިދާޅުވިއެވެ.

ޑޮމެސްޓިކް ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢާއެކު ގަޑިއަކު 2000 ފަސިންޖަރުންނަށް ޚިދުމަތްދޭ ޓަރމިނަލެއް ތަރައްޤީކުރެވޭނެއެވެ.

އެއަރޕޯޓްގައި މިހާރު އެއްފަހަރާ ފްލައިޓް ޕާކުކުރެވޭ ކެޕޭސިޓީ އަކީ 34އެވެ. ނަމަވެސް އައު ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއެކު 73 އެއަރކްރާފްޓް އެއްފަހަރާ ޕާކުކޮށްފައި ބޭއްވޭނެއެވެ. މިއާއެކު ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތައް ބޮޑުތަނުން އިތުރުކުރެވޭނެއެވެ.

މީގެ އިތުރުން ވީއައިއޭ އެއަރޕޯޓުގެ ފިއުލް ފާމް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، މަތިންދާ ބޯޓުތަކަށް ތެޔޮ އެޅުމުގެ ޚިދުމަތް އެންމެ ޒަމާނީ ފެންވަރަށް ބަދަލުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިހާރު ކުރިއާ ޚިލާފަށް ވަކިން މަތިންދާ ބޯޓުތައް ކައިރިއަށް ފިއުލް ހިފައިގެން ލޯރީގަދާކަށް ނުޖެހޭނެ، މިހާރު އޭޕްރަންގެ އަޑިން ވަޔާކުރެވިފައި ހުރީ، އެންމެ ޒަމާނީގޮތަށް ބަދަލުކުރެވިފައި މިހުރީ،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ބޭނުންވާ ސްޕީޑުގައި ވީއައިއޭ ތަރަައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، މިސެޕްޓެމްބަރުމަހަށް އައު ޓަރމިނަލް ހުޅުވޭނެ ކަމަށެވެ.

މީގެއިތުރުން ވީއައިޕީ ޓަރމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައްވެސް މިހާރު ނިމުމާއި ގާތްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިހާރު ކުރިޔަށްދާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ނިމޭއިރު ދިވެހިންގެ ފަޚުރުވެރި އެއަރޕޯޓު މުޅިން އައު އެއަރޕޯޓަކަށް ވެގެންދާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.