ޚަބަރު

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު!


  • ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ.އަތޮޅާ ހަމައަށް މިއަދު 07:50 އިން ފެށިގެން 13:30އަށް

މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ސަރަހައްދަށް، މިއަދު 07:50 އިން ފެށިގެން 13:30 އާއި ހަމައަށެވެ.

މިވަގުތުތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި މިވަގުތުތަކުގައި ވައިގަދަވެ ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއިއެކު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ސަލާމަތީ ވަސީލަތްތައް ހަމަކުރުމާއި އަދި މާބޮޑަށް މޫސުން ގޯސްނަމަ ކަނޑު ދަތުރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ވިލާގަނޑުގައި އާދަޔާ ޚިލާފައި ވައިގަދަވާތީ، އޭގެ ސަބަބުން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ދަނީ އިރުޝާދު ދެމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ވައި މަޑުވާނެ ކަމަށް ލަފާ ކުރެވެނީ އަންނަ އާދިއްތަ ދުވަހު ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.