އަންނަ އާދީއްތަ ދުވަހު ފަށާ ދިރާސީ އަހަރުގެ ފުރަތަމަ 3 ދުވަހު ސްކޫލްތަކުގެ ދަންފަޅިތަށް ކުރުކޮށް ކުރިއަށްގެންދަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.
އެމިނިސްޓްރީން މި ގޮތަށް އަންގާފައި މިވަނީ މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވެފައިވާތީ ދަރިވަރުނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ފޮނުއްވެވި ސަރކިއުލަރ ނޯޓެއްގައި ވަނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުންގޯސް ދުވަސްވަރަކަށްވުމާއެކު މޫސުމީ ހާލަތަށް ރިއާޔަތްކޮށް، ދަރިވަރުންނަށް ފިލާވަޅުތައް ގެއްލޭ މިންވަރު ކުޑަކުރުމުގެ ގޮތުން މި މަހުގެ 26، 27 އަދި 28 މި 3 ދުވަހު ސްކޫލްތަކުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް އެ މިނިސްޓްރީން ނިންމަވާފައިވާކަމަށެވެ.
އެހެން ކަމުން ކޮންމެ ދަންފަޅިއެއްވެސް 2 ނުވަތަ 3 ގަޑިއިރާ ދެމެދަށް ފައްތައިގެން ކުރިއަށްގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުތަކަށް ދަންނަވާފައެވެ.
މީގެ އިތުރުން މިނިސްޓްރީގެ ސަރކިއުލަރގައި ވަނީ މިދުވަސްވަރު ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މަތިވެރި އާދަ އަށަގެންނެވުމަށާއި، ދަރިވަރުންގެ ދުޅަހެޔޮކާމާއި ރައްކާތެރިކަމަށް އިސްކަންދީ، ހަނގާކުރުމާ ދެކޮޅަށް އަމާޒުކުރެވިގެން ހިންގާ ޚާއްސަ ޕްރޮގްރާމްތަކެއް ސްކޫލް ފެންވަރުގައި ރާވައި ހިންގުމަށްވެސް ދަންނަވާފައެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފަށުމަށް ހަމަޖެހިފައިވާއިރު، ހުޅަނގު މޫސުމުގެ ވިއްސާރައިގަ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރު ފަތުރުކުރުމަށް ނުރައްކާވެފައިވާތީ މޫސުމަށް ޚާއްްސަ ސަމާލުކަމެއް ދެއްވުމަށް މޫސުމާ ބެހޭ ޤައުމީ ޢިދާރާއާއި ގުޅުންހުރި އެހެން އިދާރާތަކުންދަނީ އިލްތިމާސްކުރަމުންނެވެ.