ސިޔާސީ

ޒުވާނުންނަށް އަތޮޅުތެރޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތައް


ޒުވާނުންނަށް އަމާޒު ކުރައްވައިގެން ސަރުކާރުން އަތޮޅުތެރޭގައި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކަކީ، ރައްރަށުގައި ދިމާވާ ޒުވާނުންނާ ގުޅޭ އިޖްތިމާޢީ މައްސަލަތަކަށް ޙައްލު ލިބެމުންދާ މަޝްރޫޢުތަކެއް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީންކުރުމަށް ރ. އަތޮޅުގައި ބޭއްވި މަހާސިންތާ ނިންމުމުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމަށް ބާއްވާ އަތޮޅުތެރޭގެ ފުރަތަމަ ބުރުގެ ދެވަނަ މަހާސިންތާ ނިންމުމަށް ރ. ދުވާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސަރުކާރުން ޒުވާނުންނަށް ޚާއްޞަކޮށްގެން އަތޮޅުތެރޭގައި ތަރައްޤީ ކުރައްވަމުންގެންދަވާ ފުޓްސަލް ދަނޑުތަކާއި، ޒުވާނުންގެ މަރުކަޒު ފަދަ ތަންތަނުގެ ސަބަބުން ޒުވާނުން ނޭދެވޭ އަމަލުތަކުގައި ޝާމިލްވާ ނިސްބަތް މަދުވަމުންދާކަން އަތޮޅުތެރޭގެ ރައްޔިތުން ފާހަގަ ކުރަމުންދާކަމަށެވެ. އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޒުވާނުންގެ ބޭނުންތައް ފުރިހަމަ ކޮށްދެވުމުގެ މަޤްޞަދު ޙާޞިލްވަމުންދާކަމުގެ ނިޝާނެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ތަމްރީނުވެގެންދިޔަ ހިންގުންތެރި ހަރުދަނާ ލީޑަރެއް ކަމަށާއި، ރައީސް ޔާމީން ވެރިކަމުގެ ދެ ދައުރު ފުރިހަމަކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފިނަމަ ރާއްޖެވެގެންދާނީ ތަރައްޤީގެ މަގުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޤައުމަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ދިވެހިންގެ އަމިއްލަވަންތަކަށް ދަމަހައްޓަވައި، ބޭރުގެ ނުފޫޒުން ރާއްޖެ ސަލާމަތްކުރެއްވުމަށް ރައީސް ޔާމީން ކުރައްވަމުންގެންދަވަނީ ފަސޭހަ މަސައްކަތްޕުޅެއް ނޫންކަމަށާއި، އެއީ އެމަނިކުފާނުގެ ހިއްވަރުފުޅުގަދަކަން ހާމަވެގެންދާކަމެއް ކަމަށްވެސް އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

މިޖަލްސާގައި ވާހަކަފުޅު ދެއްކެވި ރ. އަތޮޅުގެ ދާއިރާތަކަށް ނިސްބަސްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ރައީސް ޔާމީންގެ ތަރައްޤީގެ މަސައްކަތްޕުޅުގައި އަތޮޅުތެރެއަށް އިސްކަން ދެއްވާކަން ފާހަގަކުރައްވާފަވެއެވެ. މިޖަލްސާގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވެރިކަންކުރާ ޕީޕީއެމްގެ ކައުންސިލް މެންބަރުންގެ އިތުރުން ރ.އަތޮޅު ރަށްރަށުގެ ކައުންސިލަރުނާއި ޢާންމުން ބައިވެރިވެފައިވެއެވެ.

ރައީސް ޔާމީން 2018 ކެންޕެއިން ލީޑަރުން ތަމްރީނުކުރުމުގެ މަހާސިންތާ މީގެކުރިންވަނީ މާލެއާއި، އަތޮޅުތަކުގެ ތެރެއިން ބ އަތޮޅުގައި ކުރިއަށްގެންގޮސްފައެވެ. މިފަދަ މަހާސިންތާތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ކުރިއަށްގެންދެވުމަށް ހަމަޖެހިފައިވާކަމަށް ރައީސް ޔާމީންގެ ކެންޕެއިން އޮފީހުން ބުނެއެވެ.