ކުޅިވަރު

"ރޯލް މޮޑެލް އެއްގެ ގޮތުގައި ދީމާ ބަލައިގަންނަން ޖެހޭ"


ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، ރޯލް މޮޑެލް އެއްގެ ގޮތުގައި ރާއްޖޭގެ އެހެން އެތުލީޓުން ބަލައިގަންނަން ޖެހޭ ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ދީމާގެ ކާމިޔާބީ ފާހަގަކޮށް، ޚާއްސަ އެވޯޑެއް ދިނުމަށް އެމްއޯސީން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައްތާރު ވިދާޅުވީ ދީމާ ދިޔަ މަގުން ހުރިހާ އެތުލީޓުންވެސް މަސައްކަތްކޮށް، ކޮލިފައިވުމަށް އަޒުމު ކަނޑައަޅަންޖެހޭ ކަމަށެވެ. ކުޅިވަރުގެ އެންމެން އެއްތަންވެގެން ތިބީ ދީމާއަށްޓަކައިކަން ފާހަގަކުރައްވާ ސައްތާރު ވިދާޅުވީ ކިތަންމެ ބޮޑު ކަނޑެއް ހުރަސްކުރަން ޖެހުނުކަމުގައި ވިޔަސް، ދިމާ އެކަން ކާމިޔާބުކުރާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"
ދީމާގެ ތިހުރި ޑިޓާމިނޭޝަނާއި ހިތްވަރަކީ އަޅުގަނޑުމެން ދުވަހަކުވެސް ހަނދާން ނުނެތޭނެ އެއްޗެއް. ދެން ހާސިލުކުރަން އޮތީ ކޮންކަމެއްތޯ އެއީ އެންމެ ބޮޑު ސުވާލު.
މުޙައްމަދު އަބްދުލް ސައްތާރު - އެމްއޯސީގެ ރައީސް

ދިމާއަށް ލިބުނު ކާމިޔާބުގެ އެންމެ ބޮޑު ސިއްރަކީ މައިންބަފައިން ކުރި މަސައްކަތްކަން ފާހަގަކުރައްވައި ދީމާއަށް ފުރުސަތު ހޯދައިދިނުމުގައި ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ކުރެއްވި މަސައްކަތް ސައްތާރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދީމާ ދެއްކި މިސާލަކީ އެހެން ހުރިހާ އެތުލީޓުންނަށް ފިލާވަޅެއް ކަމަށާއި، ދީމާ ކާމިޔާބު ހޯދަން ކުރި މަސައްކަތް އެހެން އެތުލީޓުންނަށް ކިޔާދޭން ޖެހޭ ކަމަށްވެސް ސައްތާރު ވިދާޅުވިއެވެ.

"
މިތަނުގައި ވަރަށް ގިނަ އެސޯސިއޭޝަންތަކުގެ ވެރިން ތިބީމަ އަޅުގަނޑުމެން ބުނަންޖެހޭ ދީމާ ތިކުރި މަސައްކަތް. ކުރިގޮތް އަޅުގަނޑުމެން އެބަ ކިޔާދޭން ޖެހޭ. ރޯލް މޮޑެލްއިން ގޮތުގައި އަޅުގަނޑުމެން އެހެން އެތުލީޓުން ދައްކުވައިދޭން ޖެހޭ.
މުޙައްމަދު އަބްދުލް ސައްތާރު - އެމްއޯސީގެ ރައީސް

ފްރާންސްގެ ވެރިރަށް ޕެރިހުގައި ބާއްވާ އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވިއިރު، މިއީ ރާއްޖޭގެ ކުޅިވަރު ތާރީޚުގައި ދިވެހި އެތުލީޓަކު ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. މީގެކުރިން ރާއްޖޭގެ އެތުލީޓުން އޮލިމްޕިކްސްގައި ވާދަކުރަމުން އައީ އިންވިޓޭޝަނަލް ފުރުސަތުތަކުގެ ތެރެއިންނެވެ.