ޚަބަރު

ފަޅު ރަށްރަށަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް އިލްތިމާސްކޮށްފި


  • ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައި

މިދުވަސްވަރަކީ ރާއްޖެއަށް ވަރަށް މޫސުން ގޯސް ދުވަސްވަރެއްކަމުން ފަޅު ރަށްރަށަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އިލްތިމާސްކުރާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

ދަތުރުކުރުމުގައި ސަމާލުކަން ދިނުމުގެ އިތުރުން، ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖެއަށް މި ދުވަސްވަރު މޫސުން ގޯސްވެފައި ވަނީ ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުންކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.