ކުޅިވަރު

ދީމާގެ ކާމިޔާބީ ފާހަގަކޮށް އެމްއޯސީން ޚާއްސަ އެވޯޑެއް


ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް ކަމަށްވާ އޮލިމްޕިކްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓުގެ ޝަރަފު ހޯދި ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީގެ ކާމިޔާބީ ފާހަގަކޮށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ޚާއްސަ އެވޯޑެއް ދީފިއެވެ.

މީރުމާ ހޮޓެލްގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެވޯޑް ދީމާއަށް ހަވާލުކޮށްދެއްވީ އެމްއޯސީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރެވެ. މީގެ އިތުރުން އެމްއޯސީގެ ހިންގާ ކޮމިޓީގެ މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޯސީގެ ސެކްރެޓަރީ ޖެނެރަލް ތަމޫހު އަޙްމަދު ސަޢީދު ވަނީ ހަގު އުމުރުގައި ދީމާ ހޯދި ހިތްވަރާއި ކާމިޔާބީ ރަން އަކުރުން ފަވާލެވިފައިވާކަން ފާހަގަކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޯސީގެ ރައީސް ސައްތާރު ވިދާޅުވީ މިއީ އުފާވެރި ވަގުތެއް ކަމަށާއި، ހަމަ އެހެންމެ މި ކާމިޔާބީ ދީމާއަށް ލިބުނީ ހަމަހުރެފައި ކުރި މަސައްކަތަކުން ނޫން ކަމަށެވެ.

މި ރަސްމިއްޔާތުގައި އެމްއޯސީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުންނާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.