ޚަބަރު

ރީ-ޑިވެލޮޕްމެންޓް މަޝްރޫޢު: ތަރައްޤީއަށް އެޅޭ މުހިއްމު ފިޔަވަޅެއް


މާލޭގެ ރީ-ޑިވެލޮޕްމެންޓް މަޝްރޫޢަކީ، މާލޭގެ އިޖްތިމާޢީ ވެށި ރަނގަޅުކުރުމަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށް ހައުސިންގ މިނިސްޓަރ ވިދާޅުވެއްޖެއެވެ. 

ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، މާލެއަކީ އެއްވެސް ޕްލޭނެއް ނެތި އޮތްތަނެއް ކަމަށާއި، މާލޭގައި އޮތް ތޮއްޖެހުން ކުޑަކުރައްވައި މާލޭގެ އިޖްތިމާޢީ ވެށްޓަށް ހެޔޮބަދަލެއް ގެންނެވުމަށް ރިޑިވެލޮޕްމެންޓަކީ، މުހިއްމު މަޝްރޫޢެއްކަމަށެވެ. ރީ-ޑިވެލޮޕް ޕްލޭންގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ވީހާވެސް ގިނައިން މާލޭގައި ހުސް ޖާގަ އިތުރުކުރެއްވުމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

މާލޭ ރިޑިވެލޮޕްމެންޓް ޕްލޭން އެކުލަވާލައްވައި، އެކަމަށް މަސައްކަތް ފަށްޓަވާފައިވަނީ، 2014 ވަނަ އަހަރުގެ ތެރޭގައެވެ. މި ޕްލޭންގެ ދަށުން އެންމެ އިސްކަމެއް ދެއްވަނީ، މާލޭގައި ހުސްޖާގަ އިތުރު ކުރައްވައި، އިޖްތިމާޢީ ރަނގަޅު ވެށްޓެއް ޤާއިމްކުރެއްވުމަށް. އެގޮތުން އެންމެ ފުރަތަމަވެސް ކުރިއަށް ގެންދެވީ، އެތައް ދުވަހެއްވަންދެން ބޭނުންނުކޮށް ދޫކޮށްލެވިފައި އޮތް ޖުމްހޫރީ މައިދާންގެ ފައުންޓެއިން، ކުޑަކުދިންނާ ގުޅޭގޮތަށް ފަރުމާ ކުރައްވައި ޖުމްހޫރި މައިދާނަށްވެސް ބަދަލުތަކެއް ގެންނަވައި އެތަން އަލުން ހުޅުއްވާލެއްވުނެވެ. މީގެ އިތުރުންވެސް އެކި ސަރަޙައްދުތަކުގައި ޕާކްތައް ހައްދަވާފައިވެއެވެ. މީގެތެރެއިންވެސް އެންމެ ފާހަގަކޮށްލެނު މަސައްކަތަކީ، މާލޭ ހުޅަނގުފަރާތުގެ މަލަމަތި ބަދަލުކޮށްލި، ރަސްފަންނުގެ މަސައްކަތެވެ.

img:http://s2.psmnews.mv/images/660x400/9172.jpg|ރަސްފަންނު އާރޓިފިޝަލް ބީޗް / ފޮޓޯ: ރައީސް އޮފީސް

ހަމަމިއާއެކު އިސްލާމީ މަރުކަޒު ސަރަޙައްދުގައި މާބުލް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ފަށްޓަވާފައެވެ. މީގެ އިތުރުން ސަލްޓަންޕާކްވެސް ހުރިހާ ޢުމުރުފުރައަކާ ގުޅޭނެގޮތަށް ފަރުމާ ކުރައްވައި، އެތަން ތަރައްޤީކުރެއްވުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށްޓަވާފައެވެ. އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ޖުލައި 26 އަށް ނިންމުމަށްޓަކައި ދަނީ މަސައްކުރައްވަމުންނެވެ. މި މަޝްރޫޢުތަކުގެ އިތުރުންވެސް މިއަހަރުގެ ތެރޭގައި ގިނަ މަޝްރޫޢުތަކެއް ނިންމެވުމަށް ޢަމާޒުކުރައްވާފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.