ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް އަތޮޅުތަކުގެ ސްކޫލްތަކަށް ބޭނުންވާ ފޮތްތައް ފޮނުވުމުގެ މަސައްކަތް، މޫސުން ގޯސްވުމުގެ ސަބަބުން ފުލުހުންގެ އެހީތެރިކަމާއެކު ތަޢުލީމީ ވުޒާރާއިން ފަށައިފިއެވެ.
ތަޢުލީމީ ވުޒާރާއިން ވިދާޅުވީ ކަނޑު ގަދަވުމުގެ ސަބަބުން، އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތައް ނުފުރި ރަށްތަކަށް ސާމާނު ފޮނުވުމުގައި ދަތިތަކާއި ކުރިމަތިވެފައިވާކަމަށެވެ.
އައު އަހަރުގެ ކިޔެވުން ފަށަންވާއިރަށް ދަރިވަރުންނާއި ސްކޫލްތަކަށް ބޭނުންވާ ސާމާނު ނުފޮނުވިދާނެތީ ތަޢުލީމީ ވުޒާރާއިން ފުލުހުންގެ އެހީތެރިކަމަށް އެދުމުން، އެކަމުގައި ފުލުހުންގެ އެހީތެރިކަން މިހާރު ވަނީ ދެއްވަން ފަށްޓަވާފައެވެ. ފުލުހުންގެ އެހީގައި ތަކެތި ފޮނުވަނީ، މިހާތަނަށް ނުފޮނުވިވާ ރަށްތަކަށެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް ފުލުހުން ވަނީ ފަށާފައި.
— Maldives Police (@PoliceMv) May 22, 2024
ފުލުހުން އަބަދުވެސް ތިބޭނީ ދިވެހި ރައްޔިތުންގެ ޚިދުމަތުގައި. pic.twitter.com/qYYD11W7QO
ފުލުހުންގެ އެހީތެރިކަން ހޯދާފައިވަނީ މޫސުން ރަނގަޅުވުމުން ތަކެތި ފޮނުވުމަށް ލަސްކޮށްފިނަމަ، އަންނަ އާދިއްތަ ދުވަހު ފަށާ ދިރާސީ އައު އަހަރަށް ބޭނުންވާ ފޮތްތަކާ ސާމާނު ރަށްތަކާ ހަމައަށް ނުފޯރަފާނެތީކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.
ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާނީ މިމަހުގެ 26ވާ އާދިއްތަ ދުވަހުއެވެ.
މޫސުން ގޯސް ދުވަސްވަރު މިފަދަ އާއްމު ޚިދުމަތްތަކުގައި ފުލުހުން އަބަދުވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިދުވަސްވަރު ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ކަނޑު ދަތުރަށް ނުނިކުތުމަށް ކަމާގުޅޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.