ޚަބަރު

ޕީއެސްއެމް މަދަޙަ މުބާރާތުގެ އެއްވަނަ ޖަމާލުއްދީން ސްކޫލަށް


ޕީއެސްއެމް މަދަޙަ މުބާރާތުން އެއްވަނަ ޖަމާލުއްދީން ސްކޫލް އަދި މުޅިމުބާރާތުން އެއްވަނަ ދަރިވަރަކަށް، އެސްކޫލްގެ ދަރިވަރު އާމިނަތު ސައިނާ މުޙައްމަދު ރަޝީދު ލިބިއްޖެއެވެ. 

މިއަދު މި މުބާރާތުގެ ނަޠީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ ސްކޫލާއި އެއްވަނަ މަދަހަ ކިއުންތެރިޔާއަށް އިނާމާއި ޓްރޮފީ ޙަވާލުކޮށްދެއްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމްއެވެ.

ޕީއެސްއެމް މަދަޙަ މުބާރާތުގެ މުޅިމުބާރާތުން އެއްވަނަ ޖަމާލުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ސައިނާ މުޙައްމަދު ރަޝީދު ހޯދާފައިވާއިރު، ޝައިނާއަށް ވަނީ ޕީއެސްއެމްއިން ސޯލޯ މަދަޙަ އަލްބަމެއް ރިކޯޑްކޮށްދިނުމުގެ ފުރުޞަތުވެސް ދީފައެވެ. އަދި މުބާރާތުގެ ސީނިއަރ ގްރޫޕްގެ އެއްވަނަވެސް ހާޞިލްކޮށްފައިވަނީ ސައިނާއެވެ. 

މުބާރާތުގެ ޖޫނިޔަރ ބައިގެ އެއްވަނަ ހޯދާފައިވަނީ މުޙިއްބުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ޒަހާ ޒިޔާދުއެވެ. މިމުބާރާތުގައި ކުދިން ބައިވެރިކުރި ހަ ޢުމުރު ފުރާގެ ތެރެއިން ހަ އަހަރުން ދަށުގެ ޢުމުރު ފުރައިން އެއްވަނަ ހޯދީ ކެންގަރޫ ކިޑްސް އިންޓަރނޭޝަނަލް ޕްރީސްކޫލްގެ ދަރިވަރު މުޙައްމަދު ކައިސް އިނާހް ޢާޠިފްއެވެ. ނުވައަހަރުން ދަށުގެ ޢުމުރުފުރައިން އެއްވަނަ ހޯދީ ތާޖުއްދީން ސްކޫލްގެ ދަރިވަރު ޢާއިޝަތު އާލާ ޙަސަންއެވެ.

އެގާރަ އަހަރުން ދަށުގެ ޢުމުރުފުރައިން އެއްވަނަ ހޯދީ މުޙްޔުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ޒަހާ ޒިޔާދުއެވެ.

ތޭރަ އަހަރުން ދަށުގެ ޢުމުރު ފުރާއިން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލްގެ ދަރިވަރު އާމިނަތު ނަބާހާ ޙުޞައިންއެވެ. ސޯޅަ އަހަރުން ދަށުގެ ޢުމުރުފުރައިން އެއްވަނަ ހޯދީ ޖަމާލުއްދީން ސްކޫލް ދަރިވަރު އާމިނަތު ސައިނާ މުޙައްމަދު ރަޝީދުއެވެ. އަދި ނާވާރަ އަހަރުން ދަށުގެ ޢުމުރުފުރައިން އެއްވަނަ ހޯދީ މަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރު މުޙައްމަދު ފަރީދު އަޙުމަދުއެވެ. ޅެންވެރިކަމުގެ ބައިން ޅެންވެރިކަމުގެ ބައިން މުޅިމުބާރާތުން އެއްވަނަ ޅ. ނައިފަރު ޗާންދަނީވިލާ އާދަމް ޙަލީމް ޢަދުނާން ހައްދަވާފައިވާ މަދަޙަ ހޮވުނުއިރު މުޅި މުބާރާތުން އަމިއްލަ ރާގުގެ ބައިން އެއްވަނައަށް ދިޔައީ މުޙައްމަދު ޝަފީޤުލް އިސްލާމް ހައްދަވާފައިވާ ރާގެވެ.

މިމުބާރާތުގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ވިދާޅުވީ މި މުބާރާތުގެ އެންމެ އުނިކަމެއްގެ ގެތުގައި ފާހަގަކުރެވެނީ ކުދިނަށް އެކަށީގެންވާ ތަމްރީނު ނުލިބުންކަމަށެވެ. އެހެންކަމުން ދެން އަންނަ މުބާރާތަކަށް ވަރަށް ދުރާލައި ކުދިން ތަމްރީނުކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް އިކްރާމް ވިދާޅުވިއެވެ. އަދި ކުރިމަގުގައި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އޮޑިޝަންތަކެއް އެކިސަރަޙައްދުތަކުގައި ބާއްވަވައިގެން ކުރިޔަށް ގެންދެވުމަށް ވިސްނާވަޑައިގެންވާފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މި މުބާރާތުގައި އަގުބޮޑު އިނާމްތައް ހުށައެޅުމަށް ސްޕޮންސަރުން އިތުރުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށެވެ. ޕީއެސްއެމްއިން ބޭއްވި ސްކޫލް ކުދިންގެ މަދަޙަ މުބާރާތަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެކެވެ.