ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި


  • ކުރިއަށް އޮތް 3 ދުވަހު އުތުރާ މެދު ރާއްޖެ ތެރެއަށް ވިއްސާރަކުރާނެ

  • ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އިލްތިމާސްކުރޭ

މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން އިލްތިމާސްކޮށްފިއެވެ.

އެންޑީއެމްއޭއިން މި އިލްތިމާސް ނެރެފައިވަނީ ކުރިއަށް އޮތް 3 ދުވަހު ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވާތީއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާ ކޮށްފައިވާ ގޮތުގައި ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން ކުރިއަށް އޮތް 3 ދުވަހު އުތުރާ މެދު ރާއްޖެ ތެރެއަށް ވިއްސާރަކުރުމާއެކު ވައިބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެއެވެ. އެގޮތުން، އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާ ކުރެއެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އެހެންވެ، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެންޑީއެމްއޭއިން ނެރުނު ސަމާލުގައި ވަނީ މޫސުމާބެހޭ ޤައުމީ އިދާރާއިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ އާންމު ރައްޔިތުންގެ މުސަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފައެވެ.

ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތައް:

  • ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން
  • ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖަހައި،ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން
  • ފެނުގެ އަސަރު ކުރުމުގެ ސަބަބުން ގެއްލުން ވެދާނެ ފަދަތަކެތި ރައްކާތެރި ތަންތަނަށް ބަދަލުކުރުން
  • ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާކުރެވޭނަމަ ކުރިއާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން
  • ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
  • ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުން ކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
  • ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން
  • ދަތުރަށް ނުކުންނައިރު ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމް ފުރިހަމަކަން ޔަގީންކުރުން

މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ދެކުނުގެ ރަށްތަކަށް ކަނޑު މަޑުވެ މޫސުން މިހާރަށްވުރެ ރަނގަޅުވާނެއެވެ.