ޚަބަރު

ރޯޔަލް އިންސްޓިޓިއުޓްގެ އެންމެ މަތީ ޝަރަފް، ރައީސް މައުމޫނަށް


ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓުން އަރުވާ އެންމެ މަތީ އެވޯޑާއި ޝަރަފް ކަމުގައިވާ އޮނަރަރީ ފެލޯގެ ޝަރަފް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. 

ރައީސް މައުމޫނަށް މިއެވޯޑް އެރުވުން އޮތީ މިއަދު އޮތް ރޯޔަލް އިންސްޓިޓިއުޝަން އޮފް ސިންގަޕޯގެ 7 ވަނަ ގްލޯބަލް ކޮންގްރެސް އެންޑް ކޮންފަރންމެންޓް ރަސްމިއްޔާތުގައެވެ. އެމަނިކުފާނަށް ރޯޔަލް އިންސްޓިޓީއުޝަނުން ދޭ އެންމެ ޝަރަފުވެރި އަދި އިއްޒަތްތެރި ޝަރަފު އަރުވައިފައިވަނީ ކުރީގެ ރައީސްގެ ޙައިސިއްޔަތުން އެކިއެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށް ކޮށްދެއްވަމުންދާ އަގުހުރި ޚިދުމަތްތަކާއި، އެމަނިކުފާނުގެ ޒައާމަތުގައި އެކި ރޮނގުރޮންގުން ރާއްޖެއަށް ހޯއްދަވައިދެއްވި ކާމިޔާބީއާއި ތަރައްޤީ ފާހަގަކުރައްވައެވެ. 

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޝަނަކީ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ޢިލްމީ އަދި ތަޖުރިބާކާރު މާހިރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ އިންސްޓިޓިއުޝަނެކެވެ. ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމަކީ އެ އިންސްޓިޓިއުޝަނުން އަރުވާ އެންމެ ޝަރަފްވެރި ލަޤަބް ލިބިވަޑައިގެންނެވި ދެކުނު އޭޝިއާ ޤައުމަކަށް ނިސްބަތްވެވަޑައިގަންނަވާ ހަމައެކަނި ބޭފުޅާއެވެ. ރޯޔަލް އިންސްޓިޓިއުޓް އޮފް ސިންގަޕޯގެ ގްލޯބަލް ކޮންގްރެސް އަދި ކޮންފަރމެންޓް ސެރަމަނީގައި، މި ޝަރަފާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޤައުމަށް ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ޢާންމު ރައްޔިތުންކަމަށެވެ. ދިވެހިރާއްޖެ ދެކެމުންދާ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީވެސް ޢާންމު ރައްޔިތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14626411372906.jpg|ރައީސް މައުމޫނަށް އެވޯރޑް އެރުވުމުގެ ރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑީއެމްޑީ އައިމިނަތު ޝާޔަން ޝާހިދާއެކު /

ރައީސް މައުމޫން ދިވެހި ޤައުމުގެ ތަރައްޤީއާއި ކުރިއެރުމަށްޓަކައި ކުރެއްވި ކާމިޔާބު މަސައްކަތްޕުޅު ފާހަގަކުރައްވައި ބޭރުގެ ބައެއް ދައުލަތްތަކުންވެސް ވަނީ އެޤައުމުތަކުންދޭ އެންމެ މަތިވެރި ޝަރަފާއި ޢިއްޒަތް މީގެކުރިން ރައީސް މައުމޫނަށް އަރުވާފައެވެ. އެގޮތުން އިގެރޭސިވިލާތުން އަރުވާ އެންމެ މަތީ ޝަރަފް ކަމުގައިވާ ޖީ.ސީ.އެމް.ޖީއާއި، ލަންކާއިން އަރުވާ އެންމެ މަތީ ޝަރަފް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ތަޢުލީމީ ހަޔާތުގެ ބޮޑުބައެއް ހޭދަކުރެއްވި މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އަރުވާ އެންމެ މަތީ ޝަރަފްވެސް އެމަނިކުފާނަށް ލިބިވަޑައިގެންފައިވެއެވެ.

ސިންގަޕޫރުގެ ނޭޝަނަލް އިންސްޓިޓިއުޝަނުން ވަނީ އެއިންސްޓިޓިއުޓުން އަރުވާ ޑޮކްޓަރ ފެލޯގެ ލަޤަބު އެމް.ޑީ.އޭގެ ލީޑަރ އަޙްމަދު ޝިޔާމް މުޙައްމަދަށްވެސް އަރުވާފައެވެ. މީގެ އިތުރުން އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ދިވެހި ފަރާތްތަކަށް އެއިންސްޓިޓިއުޓުން އަރުވާ އެކި ލަޤަބުތައް އަރުވައިފައިވެއެވެ.