ގެއްލިގެން ހޯދަމުންދިޔަ "އޭ.އޭ.އޭ-37" ދޯނިން ދަތުރުކުރި އެންމެންގެ ޙާލު ރަނގަޅު ކަމަށާއި، ދޯނި ވ.ރަކީދޫއަށް ބަނދަރުކޮށްފައިވާކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވައިފިއެވެ.
"އޭ.އޭ.އޭ-37" ނަމަކަށްކިޔާ ދޯނި ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު ތިލަފުށިން ފުރައިގެން ނ.މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރުކުރަމުންދަނިކޮށެވެ. ދޯނީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ ހުކުރު ދުވަހު ހަވީރުއެވެ.
ކަނޑާއި ވައިގެ މަގުން ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށްގެންދަނިކޮށް، ދޯނީގެ ޚަބަރެއް ވެ ދޯނި ފެނިފައިވަނީ މިއަދު ހެނދުނު 10:19ހާއިރުއެވެ. ދޯނިން ދަތުރުކުރީ ތިން ބިދޭސީންނާއި ދިވެއްސެކެވެ.
ދޯނީގެ ޚަބަރުވުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ ވަނީ، އެ ދޯނި ދަތުރުކުރަމުން ދިޔަ ސަރަހައްދަށް ގޮސް، ދޯނީގެ ފަޅުވެރިންނާ ބައްދަލުކޮށްފައެވެ. ދޯނި މިހާރު އޮތީ ވ.ރަކީދޫ ބަނދަރުގައިކަމަށް އެމްއެންޑީއެފުން މިއަދު ހަވީރުވަނީ ހާމަކުރައްވާފައެވެ.
ދޯނި ގެއްލިގެން ހޯދުމަށް ކުރި މަސައްކަތުގައި ކަނޑާއި ވައިގެ މަގުން ޖުމުލަ 9415 އަކަ ނޯޓިކަލް މޭލު ސަރަހައްދެއް ވަނީ ބަލާފައެވެ. އެއީ ކަނޑުމަގުން 2461 އަކަ ނޯޓިކަލް މޭލު އަދި ވައިގެމަގުން 6954 އަކަ ނޯޓިކަލް މޭލެވެ.