ޚަބަރު

މިރޭ މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލަރޓް


  • އެލަރޓް ނެރެފައިވަނީ ވައިގަދަވެ ބޯކޮށް ވާރެވެހޭނެކަމަށް ލަފާކޮށް

  • ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ

  • ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައި

މިރޭ ވައިގަދަވެ މޫސުން ގޯސްވާނެތީ ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް އަނެއްކާވެސް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ތ.އަތޮޅާ ދެމެދުގެ ރަށްތަކަށް، މިރޭ 18:30އިން ފެށިގެން 22:30 އާއި ހަމައަށެވެ.

މިވަގުތުތަކުގައި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ. ވައިގަދަވެ ކަނޑުތައްވެސް ވަރަށް ބޮޑަށް ގަދަވާނެކަމަށް މޫސުމާ ބެހޭ އިދާރާއިން ލަފާކުރެއެވެ. ރާޅުގެ އުސްމިން ހުންނާނީ 6 ފުޓާ 9 ފޫޓާ ދެމެދުގެ އުސްމިނަށެވެ.

މޫސުމާ ބެހޭ އިދާރާއިންވަނީ މިއަދުގެ އެކި ގަޑިތަކުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލަރޓްވެސް ނެރެފައިވެއެވެ.

ވައިގަދަވުމުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

މިދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށް ވުމާއެކު، މޫސުމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ޚާއްސަގޮތެއްގައި ކަނޑު ދަތުރުކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ސަލާމަތީ ވަސީލަތްތައް ހަމަކުރުމާއި އަދި މާބޮޑަށް މޫސުން ގޯސްނަމަ ކަނޑު ދަތުރަށް ނުނިކުތުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ވިލާގަނޑުގައި އާދަޔާ ޚިލާފައި ވައިގަދަވާތީ، އޭގެ ސަބަބުން ލިބޭ ގެއްލުން ވީހާވެސް ކުޑަވާނެގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ދަނީ އިރުޝާދު ދެމުންނެވެ.