ޚަބަރު

ޙައްޖާއި އުމްރާގެ އަޅުކަަމަށް ދާ މީހުންނަށް ޚާއްސަ ސިމެއް އުރީދޫން ތަޢާރަފްކޮށްފި


  • ސިމްގެ އަގަކީ 1000 ރުފިޔާ

  • ސިމުން 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލު ލިބޭނެ

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތަށް އުރީދޫން "ސަޢުދީ ޕާސްޕޯޓު"ގެ ނަމުގައި ރޯމިންގ ސިމެއް ތަޢާރަފުކޮށްފިއެވެ.

"އުރީދޫ މޯލްޑިވްސްގެ ސަޢުދީ ޕާސްޕޯޓް ޓްރެވަލް ސިމް" ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސަޢުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ސަޢުދީ ޕާސްޕޯޓު"ގެ ނަމުގައި ތަޢާރަފް ކުރި މި ސިމް މި ޙައްޖު މޫސުމުން ފަށައިގެން ސައުދީގައި ބޭނުންކުރެވޭނެއެވެ. މި ސިމަކީ 15 ޖީބީ ޑޭޓާ އާއި ފޯންކުރުމަށް 60 މިނެޓާއި، 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ސިމެކެވެ. މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަކަށް ނަގާނީ އެމް.ބީއަކަށް 0.99ރ އެވެ.

ސިމްގެ އަގަކީ 1 ހާސް ރުފިޔާއެވެ. ސަޢުދީއަށް ފުރުމުގެ ކުރިން މި ސިމް އުރީދޫން ގަނެވޭނެއެވެ. އަދި ސަޢުދީ އެއަރޕޯޓަށް ފައިބާފަ ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެއެވެ. މިއީ އުމްރާއަށް ދާ މީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫން ތަޢާރަފްކުރި ޚިދުމަތެކެވެ.

މީލާދީ ތާރީޚުން މިއަހަރުގެ ޙައްޖު ދުވަހަކީ ޖޫން މަހުގެ 15ވަނަ ދުވަހެވެ. ރާއްޖެއިން ޙައްޖުގެ އަޅުކަމަށް ދާ މީހުންގެ ފުރަތަމަ ފްލައިޓް މިމަހުގެ 31ވަނަ ދުވަހު ސަޢުދީއަށް ފުރާނެއެވެ. ޙައްޖަށް މީހުން ގެންދިއުމުގެ ހުރިހާ ތައްޔާރީތައް، ކަމާއިގުޅުންހުރި އިދާރާތައް ގުޅިގެން ވަނީ ފުރިހަމަކޮށްފައެވެ.