ޚަބަރު

ފަޅުރަށެއްގައި ވަޅުލާފަ ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ހޯދައިފި


  • ޅ. އަތޮޅު ގާއެރިފަރުން 91 ދަޅާއި 59 ފުޅި ބަނގުރާ ހޯދާފައިވޭ

  • ތަކެތި ހޯދާފައިވަނީ ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި

  • މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވެ

ޅ.އަތޮޅު ފަޅުރަށެއްގަ ވަޅުލާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފިއެވެ.

ޅ. އަތޮޅު ގާއެރިފަރުގައި ވަޅުލާފައިހުރި ބަނގުރާ ފުޅިތައް ފެނިފައިވަނީ، ހިންނަވަރު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. އެތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މެއި 19 ވަނަ ދުވަހު ހިންނަވަރު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށުގައި ބަނގުރާ ވަޅުލާފައި ހުރި ކަމަށް ބުނާ ސަރަހައްދު ބަލައިފާސްކުރި އިރު 91 ދަޅު ބަނގުރާ އަދި 59 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން މަޢުލޫމަތުދީފައިވެއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ. ހިންނަވަރު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.