ޚަބަރު

އީރާނުގެ ޚާރިޖީ ވަޒީރަކަށް ޢަލީ ބާޤްރީ


އީރާނުގެ ޚާރިޖީ ވަޒީރުގެ މަޤާމަށް ޢަލީ ބާޤްރީ ކަނީ ހަމަޖައްސަވައިފިއެވެ. އޭނާ ކުރިން ހުންނެވީ ޚާރިޖީ ވަޒީރުގެ ނައިބުގެ މަޤާމުގައެވެ.

ޢުމުރުން 56 އަހަރުގެ ބާޤްރީ ހަމަޖެއްސެވީ އެ މަޤާމުގައި ހުންނެވި ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވުމުންނެވެ. އެ ޙާދިޡާގައި އީރާނުގެ ރައީސް އިބްރާހީމް ރައީސީ ވެސް ވަނީ އަވަހާރަވެފައެވެ. އެއާއެކު އީރާނުގެ ފުރަތަމަ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މުޙައްމަދު މަޚްބަރު ވަނީ އެ ޤައުމުގެ ވަޤުތީ ރައީސްގެ ޒިންމާތައް އުފުއްލަވަން ފަށްޓަވައިފައެވެ.

1990ވަނަ އަހަރުން ފެށިގެން އީރާނުގެ ޚާރިޖީ ދާއިރާގައި ޙަރަކާތްތެރިވަމުންދާ ބާޤްރީ ވަނީ 2007ވަނަ އަހަރުން 2013 އަހަރަށް އީރާނުގެ ބާރުގަދަ ޝޫރާ މަޖިލީހުގެ ޑެޕިއުޓީ ސެކެޓްރީގެ މަޤާމު ފުރުއްވައިފައެވެ. އޭނާއަކީ މިހާރު އެ މަޖިލީހުގެ މުޝީރެކެވެ.

އިޤްތިޞާދީ ދާއިރާއިން ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބާޤްރީއަކީ ބޭރު ދުނިޔޭގައި މަޝްހޫރު ބޭފުޅެކެވެ. އޭނާއަކީ އީރާނުގެ ނިއުކްލިޔަރ މަޝްރޫޢުއާ ގުޅޭގޮތުން ހުޅަނގާއެކު އީރާނުން ކުރި މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވި ބޭފުޅާއެވެ. އަދި ދާދިފަހުން ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް އެމެރިކާއާއެކު އީރާނުން ކުރި މަޝްވަރާތަކުގައި ވެސް އެންމެ އިސްކޮށް ހުންނެވީ ބާޤްރީއެވެ.