ފާއިތުވި 6 މަސް ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން ގިނަ މަސައްކަތްތަކެއް ކޮށް ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވޭތުވެދިޔަ 6 މަސްދުވަހު ކޮށްފައިވާ މަސައްކަތްތައް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަނެއް ހިންގާ 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާކަމަށެވެ. އަދި ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވެއެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވާކަންވެސް ފުލުހުން ފާހަގަކުރައްވައެވެ.
ރައްޔިތުންނާ ގާތުން ފޯރުކޮށްދޭ ޚިދުމަތަކަށް ހެދުމަށް ދެމުންދާ އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމް ހިންގާފައިވެއެވެ. މީގެ ތެރޭގައި ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނެއެވެ.
ޖިނާއީ ތަހުގީގު ކުރުމަށް ބަލާއިރު މި މުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވައިރު މި މުއްދަތުގައި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވެއެވެ.
ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި މުވައްޒަފުން ބިނާ ކުރުމަކީ މުހިއްމު ކަމަކަށްވާއިރު ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތަމްރީން ދިނުމުގެ މަސައްކަތްތައް މެދުކެނޑުމެން ނެތި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން 142 ޕްރޮގްރާމެއްގައި 899 މުވައްޒަފުންނަށް ތަމްރީން ދީފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޔުނިފޯމް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެވި މުވައްޒަފުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމަށް އެކި ރަށްރަށުގައި 19 ޕޮލިސް ޕޯސްޓު އަލަށް ހުޅުވާފައިވެއެވެ. އަދި އިތުރު 12 ޕޮލިސް ޕޯސްޓު މި އަހަރުގެ ތެރޭގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ދިވެހި ފުލުހުންގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، އައު ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލާއި މަޝްވަރާހޯދުމަށް މާލެއާއި އަތޮޅުތެރެ ހިމެނޭހެން 15 ފޯރަމް ބާއްވައި ދިރާސާތަކެއް ހަދާފައިވެއެވެ. އަދި ސަރުކާރުގެ ވިސްނުމާ އެއްގޮތަށް އައު ޕްލޭން އެކުލަވާލައި އިފްތިތާހުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މީގެ އިތުރުން ކުއްލި ހާލަތްތަކުގައި އަމަލުކުރާނެގޮތުގެ ޕްލޭނާއި ތަހުގީގު ދާއިރާ ހަރުދަނާކުރުމަށް ފްރޭމް ވޯކް އެކުލަވައިލުމުގެ މަސައްކަތް، ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ފަށާފައެވެ.