ޚަބަރު

މިނިސްޓަރ ޒަމީރު، އިރާންގެ ޚާރިޖީ ވަޒީރު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެއްޖެ


  • އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ އަވަހާރަވީ އޭނާ ދަތުރުުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައި

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ އަވާހަރަވުމާއި ގުޅިގެން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީ އަވަހާރަވީ އޭނާ ދަތުރުުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާއެއްގައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއްކަމަށެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރު ޢަބްދުއްލުހައްޔާނީއަކީ ރާއްޖެއާއި އީރާނުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްކަމަށްވެސް ވަޒީރުގެ މެސެޖުގައި ވިދާޅުވިއެވެ. އަދި އީރާނުގެ ހާރިޖީ ސިޔާސަތު ކުރިއެރުވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތަށްވެސް ވަޒީރު ވަނީ ތައުރީފްކުރައްވާފައެވެ.

ވަޒީރުގެ މެސެޖުގައި ވަނީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އަވަހާރަވި ފަރާތްތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށް ވިދާޅުވެ، އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި ޚާރިޖީ ވަޒީރު ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާސިދާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ.