ޚަބަރު

11.3 އިންސައްތައިގެ ކުރިއެރުމަކާއެކު ފަތުރުވެރިންގެ އަދަދު 8 ލައްކައަށްވުރެ މައްޗަށް


  • އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިން

  • މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 85،798 ފަތުރުވެރިން އިތުރު

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމަށް %11.3 ކުރިއެރުމެއް ލިބިފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމަށް ބޮޑެތި ކުރިއެެރުންތަކެއް ލިބެމުންދާއިރު ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާއިންކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 846971 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 761173 ފަތުރުވެރިންނެވެ. އެހެންކަމުން މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 85798 އިތުރުވެ ފަތުރުވެރިކަމުން ވަނީ %11.3 ކުރިއެރުމެއް ހޯދާފައެވެ.

ވަކިވަކި މަސްމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު:

* ޖަނަވަރީ – 192385 ފަތުރުވެރިން
* ފެބްރުއަރީ – 217392 ފަތުރުވެރިން
* މާރޗް – 194،227 ފަތުރުވެރިން
* އޭޕްރީލް – 168366 ފަތުރުވެރިން
* މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް – 74601 ފަތުރުވެރިން

އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުތައް:

* ޗައިނާ – 94903 ފަތުރުވެރިން
* ރަޝިއާ – 85498 ފަތުރުވެރިން
* އިނގިރޭސިވިލާތް – 80625 ފަތުރުވެރިން
* އިޓަލީ – 73620 ފަތުރުވެރިން
* ޖަރުމަނުވިލާތް – 66824 ފަތުރުވެރިން

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1193 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 62501 އަށް އަރައެވެ.

ރާއްޖެއިން މިއަހަރު އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މިއަހަރުގެ ފުރަތަމަ 4 މަސްދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ކަނޑައެޅި އަމާޒުގެ %25 ހާސިލްވެފައިވާކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރ ފާޠިމަތު ތަޢުފީޤް ވަނީ ބީބީސީއަށް ދާދިފަހުން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައެވެ.