ޚަބަރު

އީރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި


  • ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ވަނީ ނިންމަވާފައި

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފިއެވެ.

އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވީ އެމަނިކުފާނު ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައެވެ.

ރައީސް އޮފީހުން ވިދާޅުވީ އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމައިގައި މާދަމާއިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވާފައިވާކަމަށެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި އާއްމު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާނުގެ ރައީސާއި ފޮރިން މިނިސްޓަރު އަވާހަރަވުމަކީ ލިބިވަޑައިގެންނެވި ބޮޑު ހިތާމައެއްކަމަށެވެ. އަދި މި ހާދިސާގައި މަރުވި ފަރާތްތަކުގެ ފުރާނައަށް ހެޔޮ ރަހުމަތް ލެއްވުން އެދި ދުއާ ދަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕޯސްޓްގައި ވަނީ މި ހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާވެސް ދަންނަވާފައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޚަބަރުތައް ބުނެއެވެ.