ޚަބަރު

ހުއްދަ ނުނަގާ ޑްރޯން އުދުއްސާނަމަ ފިޔަވަޅު އަޅާނަން: ދިފާޢީ ވުޒާރާ


  • ޑްރޯން އުދުއްސުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ

  • ރަސްމީ ބަންދު ނޫން 3 ދުވަސްކުރިން ހުއްދަ ހޯދަން ހުށަހަޅަންޖެހޭ

  • އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަގާނެ

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ޑްރޯން އުދިއްސިނަމަވެސް ހުއްދަ ހޯދަންޖެހޭނެކަމަށާއި، ހުއްދަ ނުހޯދައި ޑްރޯން އުދުއްސާނަމަ ފިޔަވަޅު އަޅާނެކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިފާޢީ ވުޒާރާއިން މީގެކުރިންވެސް ވަނީ އެއަޕޯޓުތައް ހިމެނޭ ސަރަހައްދުގައި ޑްރޯން އުދުއްސުމަކީ ވައިގެ ދަތުރުފަތުރަށް އެކަމުގެ ސަބަބުން ނުރައްކަލެއް މެދުވެރިވެދާނެ ކަމަކަށްވާތީ، ޑްރޯން އުދުއްސުމުގެ ކުރިން އެ ވުޒާރާއިން ހުއްދަ ހޯދުމަށް އަންގާފައެވެ. ނަމަވެސް މިހާރަކަށް އައިސް ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި އެއަރޕޯޓްތައް ހިމެނޭ ސަރަހައްދުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އުދުއްސާކަން ފާހަގަވެފައިވާކަމަށް ދިފާޢީ ވުޒާރާއިން ވިދާޅުވެއެވެ.

ދިފާޢީ ވުޒާރާއިން ވިދާޅުވީ ރާއްޖޭގެ ކޮންމެ ދިމާލެއްގައި ޑްރޯން އަރުވަން ބޭނުންވި ކަމުގައިވިއަސް އެ ވުޒާރާގެ ހުއްދަ ހޯދަން ޖެހޭނެކަމަށެވެ. އަދި ހުއްދަ ހޯދުމަށް އެދި ފޯމު ހުށަހަޅާއިރު، ރަސްމީ ބަންދުނޫން 3 ދުވަސްކުރިން ހުށަހެޅުމަށާއި، ހުއްދަ ނުހޯދާ ޑްރޯން އަރުވާ މީހުންނާމެދު ފިޔަވަޅު އަޅާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިފާއީ ވުޒާރާއިން ވިދާޅުވީ ހުއްދަ ނުހޯދާ އުދުއްސާ ޑްރޯންތަކާމެދު އަޅާ ފިޔަވަޅަކާއި ގުޅިގެން އެތަކެއްޗަށް ލިބޭ ގެއްލުމެއްގެ ޒިންމާ ނުނަގާނެކަމަށެވެ.