ޚަބަރު

އީރާނުގެ ނައިބު ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ


  • އީރާނުގެ ރައީސް އަވަހާރަވީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގައި

އީރާނުގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާން އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ނައިބު ރައީސް މުޙައްމަދު މުޚްބަރުއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ މެސެޖުގައި، މި ޚަބަރު އެއްސެވީ ނުހަނު ފުން ހިތާމަޔާއެކު ކަމަށް ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީގެ ކުއްލި ވަކިވެދިއުމަކީ އީރާނުގެ އެތައް ބައެއްގެ ހިތްތަކަށް ފުން އަސަރުތަކެއް ކުރުވާނެކަމެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އިސްލާމީ އަސްލުތައް ހިފެހެއްޓުމުގައި ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީ ކަންކަމުގައި ފަސްޖެހިވަޑައިގަތުމެއްނެތި ގޮތް ނިންމެވުމުގެ ސަބަބުން ހިތްތަކަށް ފިނިކަން ގެނުވައި އެތައް ބަޔަކަށް ހިތްވަރު ލިބިގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

މި މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިރާނުގެ ރައްޔިތުންނަށް ދިމާވެފައިވާ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ރައްޔިތުންނާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތަޢުޒިޔާ ފޮނުއްވައި، ވަކިވެދިޔަ ފަރާތްތަކުގެ ފުރާނަފުޅަށް ރަޙުމަތްލައްވައި، ސުވަރުގޭގެ އެންމެ މަތިވެރި ނިޢުމަތް މިންވަރު ކުރެއްވުމަށް އެދި މާތް ﷲ އަށް ދުޢާ ދަންނަވާފައެވެ.

މި ޚަބަރު ލިބިވަޑައިގަތުމާއެކު މީސް މީޑިއާގެ މަންސައެއްކަމަށްވާ އެކްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ވަނީ ތަޢުޒިޔާ ވިދާޅުވެ ޕޯސްޓެއް ކުރައްވާފައެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައި ވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގައެވެ.

އީރާނުގެ ކަމާބެހޭ ފަރާތްތަކާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު އީރާނުގެ ރައީސް އެނބުރި ގައުމަށް ވަޑައިގެންނެވި މަގުމަތީގައި ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ އީރާނުގެ އިރުމަތީގައި އޮންނަ އަޒަރުބައިޖާން ޕްރޮވިންސުގެ ސަރަހައްދަކަށެވެ. އަދި ހެލިކޮޕްޓަރު ވެއްޓިފައި އޮތް ސަރަހައްދުން ސަލާމަތުން ހުރި އެއްވެސް މީހެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޚަބަރުތައް ބުނެއެވެ.