ޚަބަރު

ސަޢުދީއާ ގުޅިގެން ދީނީ ޢިލްމު ކުރިއެރުވުމުގެ ގިނަ ޕްރޮގްރާމްތަކެއް ގެންދާނަން: ވަޒީރު


  • ރާއްޖެއާއި ސަޢުދީގެ އިސްލާމިކް މިނިސްޓްރީއާ ދެމެދު ވަނީ މަޝްވަރާކުރައްވާފައި

  • އިލްމީ ޕްރޮގްރާމްތައް ފެށުމަށް ވަނީ ތައްޔާރުވެފައި

  • ކުރިމަގުގައި ގިނަ ޕްރޮގްރާމްތައް ކުރިއަށްގެންދާނެ

ސަޢުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ޢިލްމީ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދަވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ.ޝަހީމް ވަނީ، ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދާ އިލްމީ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ވަފުދާ މިއަދު ބައްދަލުކުރައްވާފައެވެ. މިޕްރޮގްރާމްތަކަކީ ސަޢުދީއަށް ކުރެއްވި ދަތުރުތަކުގެތެރެއިން މަޝްވަރާކުރެވި، އެކަމުގެ ކާމިޔާބު މަސައްކަތްތަކެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ވަނީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ވަޑައިގެންނެވި ވަފުދަށް، ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ މަސައްކަތްތަކާއި މަޝްރޫޢުތަކާއި އަދި ރާއްޖެއަށް އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ސަޢުދީއާއި ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ގުޅިގެން މިހާރު ފަށާފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ވަޒީރު ޑރ.ޝަހީމް ވިދާޅުވީ ޚަތީބުން ތަމްރީންކުރުމާއި ޢިލްމުވެރިން އަދި ދީނީ ޢިލްމު ފޯރުކޮށްދިނުމަށް ބޭނުންވާ މީހުން ތަމްރީންކުރައްވާނެކަމަށެވެ. ދެ ޤައުމުގެ ގުޅިގެން ޢިލްމީ، އިޖުތިމާޢީ މަޝްރޫޢުތަކެއް ކުރިއަށްގެންދެވުމަށް މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޑރ.ޝަހީމް ވިދާޅުވީ މިފަދަ ޕްރޮގްރާމްތަކުގެ ބޭނުމަކަށްވަނީ އިސްލާމީ ސައްޙަ އަޤީދާ ބަޔާންކޮށްދިނުމާއި އިސްލާމީ މެދުމިންތަކުގެ ރިވެތި އުސޫލު އަށަގެންނެވުމާއި ހަރުކަށި އުސޫލުތަކާ ދެކޮޅަށް މުޖުތަމަޢު ހޭލުންތެރިކުރުންކަމަށެވެ.

މިފަދަ ޕްރޮގްރާމްތައް ޢިލްމުވެރިންނާއި، ޒުވާނުންނާއި، ޖަމްޢިއްޔާ ޖަމާޢަތްތަކަށްވެސް ކުރިއަށްގެންދިއުމަށް މަޝްވަރާކުރައްވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ކުރިމަގުގައި ދެޤައުމު ގުޅިގެން ގިނަ ޕްރޮގްރާމްތަކެއް ހިންގާނެކަމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ސަޢުދީ އަރަބިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ ޢިލްމީ ޕްރޮގްރާމްތަކަކީ ވަޒީރު ޑރ.ޝަހީމު ސަޢުދީއަށް ކުރެއްވި ދަތުރުތަކުގެތެރެއިން ކާމިޔާބު ކުރެވުނު މަސައްކަތްތަކެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.