ޚަބަރު

ފުލުހުންނަށް ބިރުދެއްކި 3 މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފި


  • މި މީހުންގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ކްރިމިނަލް ކޯޓުން

ކުލަހެދުމުގައި ތިބި ފުލުހުންތަކަކަށް ވަޅިން ބިރުދެއްކި 3 މީހުންގެ ބަންދަށް 7 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ. މި މީހުންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދީފައިވަނީ އެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުންނެވެ.

ފުލުހުން ވިދާޅުވީ ކުލަ ހެދުމުގައި ތިބި 2 ފުލުހަކަށް ބިދުދައްކާފައި ވަނީ ރޭ 10:00 ހާއިރު ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ މީހަކާއި 39 އަހަރުގެ ދެ މީހުންނެވެ. ތިން މީހުންނަކީ ވެސް ދިވެހި ތިން ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

މި މައްސަލައިގައި މީހުން ހައްޔަރުކުރުމުގައި ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރި ގޮތާމެދު ޝަކުވާތައް ލިބިފައިވާ ކަމަށާއި އެކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.