ކުޅިވަރު

ފީފާއިން ބޭނުންވި ގޮތަށް އަސާސީ ގަވާއިދު އިސްލާހުކޮށްފި


ފީފާއިން ބޭނުންވިގޮތަށް އެފް.އޭ.އެމްގެ އަސާސީ ގަވާއިދު އިސްލާހު ހުށަހަޅައި ފާސްކޮށްފި އެވެ.

މިގޮތަށް ފާސްކުރީ މިއަދު ބޭއްވި އެފް.އޭ.އެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިންނެވެ. އެފް.އޭ.އެމްގެ އަސާސީ ގަވައިދު 3 ފަހަރެއްގެ މަތިން ފާސްކުރަން އުޅެ ފާސްކުރެވޭ ގޮތްވަނީ ނުވެފައެވެ. ހޯމް މިނިސްޓްރީއާ އެފް.އޭ.އެމްއާ މެދު ދެބަސްވުންތަކެއް ކުރިން ހުރިއިރު އޭގެ ފަހުން އިސްލާހުކުރެވުނު ގޮތާ މެދު ފީފާއިން ރުހިފައެއްނުވެއެވެ.

މިމަހުގެ ނިޔަލަށް އާ އިސްލާހުތަށް ފާސްކޮށް އެފް.އޭ.އެމްއާއި އިންތިޙާބަކުން ހޮވޭ ބަޔަކު ހަވާލު ނުވެއްޖެނަމަ އޮޓޮމެޓިކް ސަސްޕެންޝަނެއް ރާއްޖެ ފުޓްބޯޅަޔަށް އަންނަ ގޮތަށް ފީފާއިން ވަނީ ހަމަޖައްސާފައެވެ. މިއަދު ދަރުބާރުގޭގައި އޮތް ކޮންގްރެސްގައި ވަނީ ގިނަ ބަޔަކަށް ދިވެހި ފުޓްބޯޅައިގައި ބަސް ބުނެވޭނެ ގޮތަށް އަސާސީ ޤަވާއިދު އިސްލާހުކޮށްފައެވެ. ކުރިން ފުޓްބޯޅައިގައި ބަސް ބުނުމުގެ ބާރުގެ އެއްކޮށް ކަހަލަ ގޮތަކަށް ފުރަތަމަ ޑިވިޜަނުގެ ކްލަބްތަކުގެ އަތްމަތީގައި އޮތް ނަމަވެސް މިހާރު ވަނީ ގިނަ ކްލަބްތަކަކަށާއި އަދި ފުޓްބޯޅަޔާ ގުޅުންހުރި އެސޯސިއޭޝަންތަކަށްވެސް ފުޓްބޯޅައިގައި ބަސް ބުނުމުގެ ބާރު ދީފަ އެވެ. ޖުމްލަ 44 ފަރާތަކަށް ވޯޓިން ރައިޓްސް ވަނީ ދީފައެވެ.

އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމިޓީއިން ބުނެފައިވަނީ އަސާސީ ގަވައިދު ފާސްކުރަން މާދަމާ ހޯމް މިނިސްޓްރީއަށް ފޮނުވާނެކަމަށެވެ. އަދި ހޯމް މިނިސްޓްރީއިންވެސް ވީ އެންމެ އަވަހަކަށް އެފް.އޭ.އެމްގެ އަސާސީ ގަވައިދު ރަޖިސްޓްރީ ކޮށްދޭނެކަމަށް ވިދާޅުވެފައިވާކަމަށް އެފް.އޭ.އެމްއިން ބުނެ އެވެ.

"އަޅުގަނަޑަށް ގުޅާފައި ހޯމް މިނިސްޓްރީގެ ބޭފުޅަކު ވިދާޅުވި އެންމެ ލަސްވެގެން އަންގާރަ ދުވަހަށް ރަޖިސްޓްރީ ކޮށްދެއްވާނެކަމަށް" ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވި އެވެ.

އަސާސީ ގަވާއިދު ފާސްވާތާ ވިހި ދުވަސްތެރޭގައި އިންތިހާބެއް ބާއްވަން ޖެހެއެވެ. މިއަދުގެ ކޮންގްރެސްއަށް ފަހު އެފް.އޭ.އެމްގެ ނޯމަލައިޒޭޝަން ކޮމެޓީގެ ޗެއާމަން ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއީ ދިވެހި ފުޓްބޯޅަ ސަލާމާތްކުރުމަށް ކުރެވުނު މުހިންމު ކަމެއްގެ ފުރަތަމަ ފިޔަވަޅުކަމަށެވެ.

ބައްސާމް ވިދާޅުވީ މިއަދު ފާސްވެގެން ދިޔަ އަސާސީ ގަވައިދުގެ ދަށުން ޝައުގުވެރިވާ ހުރިހާ ފަރާތްތަކަކަށް އަލުން އެފް.އޭ.އެމްގެ އިންތިހާބުގައި ވާދަކުރެއްވޭނެކަމަށެވެ.

"މިކަމަށް އިންޓަރެސްޓް ހުރި ހުރިހާ ބަޔަކަށް ކުރިމަތިލެވިގެން ކަންނޭގެ އަޅުގަނޑުމެން ބޭނުންވާ މަޤްސަދު ހާސިލް ވާނީ. ފީފާގެ ރުހުމާއެކީ މިހާރު މި އޮތީ ހުރިހާ އެންމެނަށް ކުރިމަތިލެވޭ އިންތީޙާބަކަށް ކުޅުވާލެވޭ ގޮތަށް" ކަމަށް ބައްސާމް ވިދާޅުވި.

ބައްސާމް ވިދާޅުވީ އެފް.އޭ.އެމްއިން މިހާރުވެސް ވަނީ އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެފަކަމަށެވެ.