ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމުގެ އިތުރުން އިހްސާންތެރިކަން އިސްކުރުމަކީ ހުރިހާ ފަނޑިޔާރުންގެ ވާޖިބެއް ކަމަށް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
ޕީ.އެސް.އައި.ޕީގެ ދަށުން ޢިމާރާތްކުރެވުނު ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ސަބަބުން ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި ކޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދާނެއެވެ.
ދ. ބަނޑިދޫ ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފަނޑިޔާރުކަން ކުރުމުގައި އަދުލުވެރިވުމުގެ އިތުރުން އިހްސާންތެރިކަން އިސްކުރުމަކީ ހުރިހާ ފަނޑިޔާރުންގެ ވާޖިބެއް ކަމުގައި ފާހަގަކުރެއްވިއެވެ. އަދި ޒަމާނަށް އަންނަ ބަދަލުތަކާއެކު ޝަރުއީދާއިރާގެ ކަންކަން ހިންގާ ބަލަހައްޓަމުން އަންނަ ގޮތްތަކަށްވެސް ބަދަލު އަންނަން ޖެހޭކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
މިމަހުގެ 17 އިން 19 އަށް ދ. އަތޮޅަށް ދިވެހިރާއއޖޭގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ދަތުރުފުޅުގައި ދ. އަތޮޅުގެ ބައެއް ރަށްތަކަށް ވަަޑައިގެން އެރަށް ރަށުގެ ކޯޓުތަކަށް ޒިޔާރަތް ކުރައްވައި ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ.
މިދަތުރުފުޅުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުޢޫދާ، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢައިޝަތު ރިޒްނާ އާއި އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް އިޒްމީރާ ޝިހާމުގެ އިތުރުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ސެކްރެރެޓަރީ ޖެނެރަލް އާމިނަތު ނަދާވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.