4 މީހުންނާއެކު ދަތުރުކުރަމުންދަނިކޮށް ގެއްލުނު ދޯނި ހޯދުމަށް ވައިގެ މަގުންވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރި، “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ 3 މީހުންނާއެކު، އިއްޔެ ހެނދުނު 6:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 17:20 ހާއިރުކަމަށެވެ. ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީގެ އިތުރުން މޯލްޑިވިއަން ފުލައިޓެއްގެ އެހީގައި ވައިގެމަގުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެ ދޯނި ފެނިފައި ނުވާކަމަށެވެ.
އެމްއެންޑީއެފްއިން ވަނީ ދޯންޏާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެދިވަޑައިގެންފައެވެ.
ހުޅަނގު މޫސުން ފެށިފައިވާތީ މިދުވަސްވަރަކީ ރާއްޖެއަށް މޫސޫން ގޯސް، ވައިގަދަ އަދި ކަނޑު ގަދަ ދުވަސްތަކަކަށް ވާތީ އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.