ޚަބަރު

ތިން މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި


  • ދޯނި ތިލަފުށިން ފުރީ އިއްޔެ ހެނދުނު \6:00ގައި

  • ގެއްލިގެން ރިޕޯޓްކުރީ ހަވީރު 17:20ގައި

  • މިއީ މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރި ދޯންޏެއް

3 މީހުންނާއެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއްގެ ޚަބަރު ނުވެގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފިއެވެ.

މި ދޯންޏަކީ ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިޒޯޓަށް ދަތުރުކުރި، “AAA-37” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެކެވެ.

ތިން މީހުންނާއެކު، އިއްޔެ ހެނދުނު 06:00 ހާއިރު ކ.ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ ހަވީރު 17:20 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ. ދޯނި ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ދަނީ ހަރަކާތްތެރިވަމުންނެވެ.

ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާކުރުމަށް އެމްއެންޑީފުން ވަނީ އެދިފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. މި ހާދިސާ އިއްޔެ ހިންގާފައިވާއިރު އިއްޔެއަކީ ވަޔާއި ކަނޑު ގަދަވާނެތީ މުޅި ރާއްޖެއަށް އެލަރޓް ނެރެފައިވާ ދުވަހެކެވެ. އަދި ވިއްސާރަވެ ވަރަށް ބޮޑަށް މުސުންވެސް ގޯސްވެފައިވެއެވެ.

ހުޅަނގު މޫސުން ފެށިފައިވާތީ މިދުވަސްވަރަކީ ރާއްޖެއަށް މޫސޫން ގޯސް، ވައިގަދަ އަދި ކަނޑު ގަދަ ދުވަސްތަކަކަށް ވާތީ އެކަމަށް ޚާއްސަ ސަމާލްކަމެއް ދިނުމަށް ކަމާގުޅުންހުރި އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.