ސައުދީ ފަންޑުން ހަމަޖެހުނު ލޯނުތަކާއި އެކު ރާއްޖޭގެ އިޤްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް މާލީ ވަޒީރު ޑރ. މުހައްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.
ސައުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދު ރާއްޖެއަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމާއި ރާއްޖޭގެ ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ދޭ ލޯނު އެހީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އެކު ސޮއިކޮށްފައެވެ.
މި އެއްބަސްވުންތަކުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް އަދި ސިއްޙީ ދާއިރާ ތަރައްޤީކުރުމަށް ޤާއިމްކުރި އެއްބަސްވުމުގެ ދަށުން 50 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤެވެ. ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙަައްމަދު ޝަފީޤު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢަށް ލިބިގެން ދިޔަ ލޯން އެހީއާއި އެކު އެ މަޝްރޫޢު އަވަހަށް ނިންމުމަށް އެހީތެރިވެދޭނެއެވެ.
"ފަތުުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބޭނެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރެވިގެން، މި ޕްރޮޖެކްޓުގެ ސަބަބުން ވެލާނާ އެއަރޕޯޓު ރައީސް ބޭނުންވާގޮތަށް މިއަހަރު ނިމުނު ކުރިން ޕާޝިއަލީ ވިޔަސް ހުޅުވިގެންދާނެ، މިއާ އެކު އިޤްތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" މާލީ ވަޒީރު ވިދާޅިއެވެ.
މާލީ ވަޒީރު ވަނީ ސައުދީ ފަންޑުން ރާއްޖެއަށް މިހާތަނަށްވެސް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުން އައިސްފައިވާކަން ފާހަގަކޮށްފައެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދު ވިދާޅުވީ ސިއްޙީ ދާއިރާއިން ދީފައިވާ އެހީގެ ދަށުން ރާއްޖެގެ ތިން ސަރަހައްދެއްގެ ހޮސްޕިޓަލްތައް ގާއިމްކުރެވިގެންދާނެ ކަމަށެވެ.
"މި ހޮސްޕިޓަލުތަކާއި އެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތައް ގާއިމް ކުރެވި، ގިނަ ބަޔަކަށް އެކަމުގެ ފައިދާ ކުރާނެ،" ސައުދީ ފަންޑުގެ ސީއީއޯ ވިދާޅުވިއެވެ.
ސައުދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން އަބްދުލް ރަޙްމާން އަލް މަރްޝަދު ވަނީ ސައުދީ ފަންޑުން ރާއްޖެއަށް ފުރަތަމަ ލޯނެއް ދޫކޮށްފައިވަނީ 1978 ގައި ކަމަށާއި، އެއީވެސް މާލޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަށް ކަމަށް ވިދާޅުވެފައެވެ.
އަދި ސަޢުދީއާއި ރާއްޖެއާ އޮތް ގާތް ގުޅުމުގެ ތެރެއިން މިހާތަނަށް 16 ލޯނު އެއްބަސްވުމެއްގެ ދަށުން، 470 މިލިއަން ޑޮލަރުގެ އެހީ ރާއްޖެއަށް ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.