ޚަބަރު

އުރީދޫގެ ފުރަތަމަ ޑިޖިޓަލް ރަށަކަށް، ނ. ލަންދޫ


  • އެ ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލެއް އަންނާނެ

  • ސިއްޙީ، ތައުލީމީ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުމަށް ފަހިކޮށްދޭނެ

ނ. ލަންދޫގައި އުރީދޫ ޑިޖިޓަލް އައިލެންޑް އިނީޝިއޭޓިވް އިފްތިތާހުކޮށްފިއެވެ.

މި މަސައްކަތަކީ އުރީދޫން ރަށްތައް ޑިޖިޓަލްކޮށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި ތިބި ރައްޔިތުންނަކީވެސް އެކަމުގައި ޝާމިލްވާ ބަޔަކަށް ހެދުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ މުހިންމު މަސައްކަތްކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫއިން ބުނީ ނ.ލަންދޫ ކައުންސިލާއި ގުޅިގެން އުރީދޫން އިސްނަގައިގެން ރަށުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާނެކަމަށެވެ.

ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.

އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫގެ އެމް-ފައިސާ، ލަންދޫގައި މިދިޔަ އަހަރު ބޭނުންކުރަން ފެށުމަކީ އެރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

"އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމްގެ އިފްތިތާހީ ރަށެއްގެ ގޮތުގައި ނ. ލަންދޫ ކަނޑައެޅުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. އަޅުގަނޑުމެންގެ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމް، އެމް-ފައިސާ، ލަންދޫ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ތެރެއަށް މިދިޔަ އަހަރު އިންޓަގްރޭޓް ކުރުމަކީ ރަށުގެ ރައްޔިތުންނަށް ފައިސާގެ މުއާމަލާތްތައް ކުރުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި އުރީދޫ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ އަށްޑިހަ އިންސައްތަ އަކީ ޑިޖިޓަލްކޮށް ކުރެވޭ މުއާމަލާތްތަކެކެވެ." ޚާލިދު އަލް ހަމާދީ، ޗީފް އެގްޒެކެޓިވް އޮފިސަރ ވިދާޅުވިއެވެ.

ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އުރީދޫ މޯލްޑިވްސް އިން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

"ޓެކްނޮލޮޖީގެ ބޭނުން ހިފައި، ރަށުގެ ރައްޔިތުންނަށް ޢާންމު ޚިދްމަތްތަކާއި، މުޅި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ކައުންސިލްގެ ވަރަށް ބޮޑު އަމާޒެއް އެބައޮތް. އުރީދޫ މޯލްޑިވްސްއާ ގުޅިގެން މަސައްކަތްކޮށްގެން، ލަންދޫގެ ރައްޔިތުންނަށް އިތުރު ފައިދާއެއް ކުރާނެ އާ ޒަމާނުގެ ޑިޖިޓަލް ސޮލިއުޝަންތަކެއް ތައާރަފްކުރެވޭނެ ކަމަށް އުންމީދު ކުރަން" ލަންދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ހައިސްޕީޑް ޓެލެކޮމިއުނިކޭޝަން ނެޓްވޯކާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު އީޖާދީ ޚިދުމަތްތަކުގެ ބޭނުންހިފައި، އޭއައިގެ އެހީގައ މި އައު ޑިޖިޓަލް ޒަމާނުގައި އެންމެ ކުރީ ސަފުގައި ލަންދޫ ދެމިއޮންނާނެ ކަން ކަށަވަރުކޮށް، ޑިޖިޓަލް މި ޒަމާނުގައި އެންމެ ފަހުގެ ކުރިއެރުންތައް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކޮށްދިނުން ކަމަށެވެ.