ޚަބަރު

ހާލުގައިޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުން


ދިމާވާ އެކިއެކި ހާދިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ޚާއްޞަ ދާއިމީ އިންފްރާސްޓްރަކްޗަރއެއް ޤާއިމުކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ޑިފެންސް މިނިސްޓަރ މިހެން ވިދާޅުވީ ޕަބްލިކް ސަރވިސް މީޑިއާއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މިއަހަރުގެ ތެރޭގައި މާލޭގައި ހިނގި ހާދިސާތަކަށް ބަލާލާއިރު އަލިފާނުގެ ހާދިސާތައް ގިނަކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ސިނަމާލެ ފްލެޓްގައި ހިނގި އަލިފާނުގެ ހާދިސާއާއި، ޚާއްޞަ ގޮތެއްގައި ކޯސްޓްލައިން ހާރޑްވެއަރ ފިހާރައިގައި ހިންގި އަލިފާނު ހާދިސާގައި ގިނައަދަދެއްގެ މީހުން ހާލުގައި ޖެހި ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގެ ބެއްލެވުމުގެ ދަށަށް ބަދަލުކުރައްވާފައިވެއެވެ. އެގޮތުން ކޯސްޓްލައިން ހާރޑްވެރއަގައި ހިނގި އަލިފާނުގެ ހާދިސާގައި އެކަނިވެސް 130އަށްވުރެ ގިނަ މީހުންވަނީ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގެ ބެއްލެވުމުގެ ދަށަށް ބަދަލުކުރައްވާފައެވެ.

މިހާރު ހަމަޖެހިފައި އޮންނަގޮތުން އެފަދަ ހާދިސާތަކުގައި ހާލުގައިޖެހޭ މީހުން ބައިތިއްބަންޖެހެނީ ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ބަޖެޓުން ޚަރަދުކުރައްވައިގެން މާލޭގެ އެކި ގެސްޓްހައުސްތަކުގައެވެ.

މިކަމާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވީ މިފަދަ ހާދިސާތަކުގައި ހާލުގައިޖެހޭ ފަރާތްތައް ބައިތިއްބާނެ ދާއިމީ އިންތިޒާމެއް ހަމަޖެހިފައިހުރުން މުހިންމުކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން މިހާރު މިފަދަ ހާދިސާތައް ހިނގާ މިންވަރަށް ބައްލަވައި އެފަދަ އިންތިޒާމެއް ހަމަޖެއްސެވުމުގެ ވިސްނެވުން ގެންގުޅުއްވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުން ކާރިސާތަކުގައި ހާލުގައިޖެހޭ މީހުންނަށް ޚާއްޞަ ކުރެވިގެން ޢިމާރާތްކުރެވޭ ތަންތަނުގައި އެކަމަށް ޚާއްޞަ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހާދިސާތަކުގައި ހާލުގައިޖެހޭ މީހުންނަށްވެސް މިކަމުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާއިރު ދިމާވާ ކޮންމެ ހާދިސާއަކުންވެސް މުހިންމު ފިލާވަޅުތަކެއް ލިބިގެންދާކަމަށް ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.