ކުޅިވަރު

ކުވެއިތު މެޗަށްފަހު އިންޑިއާގެ ލެޖެންޑް ޗެތުރީ ގައުމީ ޓީމާ ދުރަށް


އިންޑިއާގެ ތަޖުރިބާކާރު ފޯވާޑް ސުނިލް ޗެތުރީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާލައިފިއެވެ.

އުމުރުން 39 އަހަރުގެ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން އިއުލާންކުރީ އޭނާގެ އަމިއްލަ ރަސްމީ ފޭސްބުކް އެކައުންޓުގައި ހިއްސާކުރި ވީޑިއޯ މެސެޖަކުންނެވެ. ޗެތުރީގެ 19 އަހަރުގެ ރަސްމީ ފުޓްބޯޅަ ކެރިއަރު ނިންމާލާނީ އަންނަ މަހުގެ ހަވަނަ ދުވަހު އަމިއްލަ ގައުމުގައި ކުވެއިތާ ދެކޮޅަށް ކުޅޭ ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗަށްފަހުއެވެ.

ވީޑިއޯ މެދުވެރިކޮށް ދިން މެސެޖުގައި ޗެތުރީ ބުނީ ރިޓަޔާކުރަން ވިސްނާ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ އިހުސާސެއް ކުރުވާ ކަމަށެވެ. އެގޮތުން މިދިޔަ ދޮޅު މަހެއްހާ ދުވަހު ވަރަށް ގިނަ ފަހަރު އެކަހަލަ އިހުސާސްތައް ކުރުވި ކަމަށްވެސް ވަނީ ބުނެފައެވެ. ޗެތުރީ ބުނީ ގައުމީ ޓީމާއެކު އުފާވެރި އަދި ހިތާމަ އެކުލެވޭ ހަނދާންތައް ގެނުވާ ކަމަށާއި، ގައުމު ތަމްސީލުކުރަން ލިބުނު ފުރުސަތު ދެކެނީ ބޮޑު ފަޚުރެއްގެ ގޮތުގައި ކަމަށެވެ.

ޗެތުރީ ބުނީ މިއީ ރިޓަޔާކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. އަދި އެކަން ކުރިން އިއުލާންކުރީ އަމިއްލަ ސިކުނޑިއަށް ލުޔެއް ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ވަނީ ބުނެފައެވެ. އަދި ބޭނުންވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށާއި، މިހާރު އޭނާގެ މަގާމު ގައުމީ ޓީމުގައި ފުރާނެ މޮޅެތި ކުޅުންތެރިންތަކެއް އެބަތިބިކަން ޗެތުރީ ވަނީ ފާހަގަކޮށްފައެވެ.

ފުޓްބޯޅައިގަ އިންޑިއާގައި ދެން އުފެދެމުންދާ ޖީލުގެ ކުޅުންތެރިންނާއެކު، އެ ގައުމުގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް ޗެތުރީ ވަނީ ބުނެފައެވެ.

ޗެތުރީ ވަނީ އިންޑިއާގެ ަގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕް ހަތަރު ފަހަރު ކާމިޔާބުކޮށް، ތިން ފަހަރު ނެހްރޫ ކަޕް ކާމިޔާބުކުރުމުގެ އިތުރުން ދެ ފަހަރު އިންޓަރކޮންޓިނެންޓަލް ކަޕް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭއެފްސީ ޗެލެންޖް ކަޕާއި، އިންޑިއާ ޓްރައި ނޭޝަންސްވެސް ވަނީ ކާމިޔާބުކޮށްފައެވެ.

ޗެތުރީ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 145 މެޗުން 94 ލަނޑު ޖަހާފައެވެ. ގައުމީ ޓީމަށް އެންމެ ފުރަތަމަ އޭނާ މެޗެއް ކުޅުނީ 2005 ވަނަ އަހަރެވެ.