ޚަބަރު

2023 ނޮވެންބަރަށްފަހު ޢަރަބި ޤައުމުތަކުން ޣައްޒާ ޢުދުވާނާ ގުޅޭ ފުރަތަމަ މަޝްވަރާތަކަށް


ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް 2023ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި ޢަރަބި ޤައުމުތަކުގެ ވެރިންގެ ކުއްލި ބައްދަލުވުމަށް ފަހު, މި މައްސަލައާ މެދު އިތުރު މަޝްވަރާތަކެއް ބޭއްވުމަށް ޢަރަބި ޤައުމުތަކުގެ ވެރިން ތައްޔާރުވެއްޖެއެވެ. ބަޙްރަޔިިންގެ މަނާމާގައި ބާއްވަން ހަމަޖެހިފައިވާ ޢަރަބި ލީގު ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ޢަރަބި ޤައުމުތަކުގެ ވެރިން ވަނީ މަނާމާއަށް ވަޑައިގަންނަވަން ފައްޓަވާފައެވެ.

ޣައްޒާ ޢުދުވާން ކުށްވެރިކޮށް, އެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ބާރު އެޅުމުގެ ގޮތުން ޢަރަބި ޤައުމުތަކުގެ ވެރިން އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ ހުސްވި އަހަރުގެ ނޮވެންބަރު މަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ބައްދަލުވުމާ ދިމާކޮށެވެ. އެ ބައްދަލުވުމުގައި އޯއައިސީގެ 57 މެންބަރު ޤައުމުން ވެސް ބައިވެރިވިއެވެ.

އެ ބައްދަލުވުމުގައި ޢަރަބިންނާއި އޯއައިސީގެ މެންބަރު ޤައުމުތަކުން ވަނީ ޣައްޒާގެ މުސްލިމުން ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން ގޮވައިލާފައެވެ. "އަނގަތެޅުވުމުގެ" ބަދަލުގައި ޔަހޫދީންގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ޢަރަބި ޤައުމުތަކުގެ ޢާންމު ރައްޔިތުން, އެ ޤައުމުތަކުގެ ވެރިންގެ ކިބައިން އާދޭސް ކުރަމުން ދިޔަ ނަމަވެސް, އެ ބައްދަލުވުމުގައި ޔަހުދީންނަށް ބާރު އެޅުމުގެ ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެއް ނުވެއެވެ.

ނަމަވެސް, މަނާމާގައި ބާއްވާ ބައްދަލުވުމުގައި ތަފާތު މަންޒަރެއް ފެނިގެންދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން އުންމީދު ކުރެއެވެ. ކުވަޔިތުގެ ޚާރިޖީ ދާއިރާގެ މާހިރެއް ކަމުގައިވާ ޟާފިރު އަލް-ޢަޖަމީ ވިދާޅުވީ, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމުކޮށްދިނުމަށް އެދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގޮވައިލަމުންދާ އަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި, ޢަރަބި ޤައުމުތަކުގެ ވެރިން ހަރުދަނާ ނިންމުންތަކެއް ނިންމަވާނެ ކަމަށް ބެލެވޭ ކަމުގައެވެ.

ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް ޢަރަބިންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތަކެއް މިލިޔަން މުސްލިމުން ގޮވައިލަމުންދާއިރު, ހުޅަނގުގެ ޤައުމުތަކުގެ ޢާންމުން ވެސް ދަނީ މި ކަމަށް އެދި އަޑު އުފުލަމުންނެވެ. ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާގެ މަގުތަކުގައި ވެސް ފަލަސްޠީނުގެ މިނިވަން ކަމަށް ގޮވައިލާ އަޑު ވަނީ ގުގުމަން ފަށާފައެވެ.

ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް ގޮވައިލާ މުޒާހަރާތައް އެމެރިކާގެ އެކި ކަންކޮޅުތަކުގައިވާ ޔުނިވަރސިޓީތަކަށް ފެތުރުމުން, އެ އަޑުތައް ކަނޑުވައިލަން އެމެރިކާގެ ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި, އެ ޤައުމުގެ ފުލުހުން ވަނީ, ޔުނިވަރސިޓީތަކުގެ ކެމްޕަސްތަކުގައި ފޭލިގެޖަހައި, ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ގޮވައިލަމުންދާ ދަރިވަރުންނާއި ޢާންމުންނަށް އަނިޔާކޮށް, ހައްޔަރު ކުރަން ފަށާފައެވެ.

މި ގޮވައިލުންތަކަށް ބީރު ކަންފަތެއްދީ, ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ޢުދުވާން އިތުރަށް ވަރުގަދަ ކުރަމުންނެވެ. މޭ 7ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙަށް ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރު ފޮނުވައި, ޢުދުވާން ފުޅާކޮށްފައެވެ. އަދި, ގަތުލުއާންމު އިތުރުކޮށް, އެ ރަށުގައި ތިބި 1.4 މިލިޔަނެއްހާ މީހުންގެ ލޭއޮހޮރުވައިލަން ފަށާފައެވެ. ޔަހޫދީންގެ ޢުދުވާނާ ގުޅިގެން އެ ރަށުގައި ތިބި މީހުންގެ ތެރެއިން 500,000އެއްހާ މުސްލިމުން ވަނީ އެހެން ސަރަޙައްދުތަކަށް ބަދަލުވެފައެވެ.

ޔަހޫދީންގެ ޢުދުވާން ނިމުމަކަށް ގެނައުމަށް ޤަޠަރާއި މިޞްރު ގުޅިގެން ދަނީ ހަރުދަނާ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން, އެ ދެ ޤައުމުން ވިލަރެސް ކޮށްގެން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހުދީންނާ ދެމެދު ނުރަސްމީ ސުލްޙައިގެ މަޝްވަރާތަކެއް ދަނީ ބާއްވަމުންނެވެ. ނަމަވެސް, ޔަހޫދީން ދަނީ އެ މަޝްވަރާތަކަށް އެކި ގޮތްގޮތުން ހުރަސް އަޅަމުންނެވެ. ޙަމާސުން އެންމެ ފަހުން އެއްބަސްވެފައިވާ ހުށަހެޅުންތަކަށް ވެސް ޔަހޫދީން ވަނީ ދެކޮޅު ހަދާފައެވެ.

ޔަހޫދީންގެ ޢުދުވާން ހުއްޓުވަން ޢަރަބި ދުނިޔެ ނުކުޅެދިފައިވާ މި ދަނޑިވަޅުގައި, ޢަރަބި އަދި މުސްލިމް ޤައުމުތަކުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީ ފައުޖާ ދެކޮޅަށް ހަތިޔާރު އުފުލާފައެވެ. އޭގެ ތެރޭގައި ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތާއި, ލުބްނާނުގައި ހަރަކާތްތެރިވާ ޙިޒްބުاللهގެ އިތުރުން ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ހިމެނެއެވެ. އެ ޖަމާޢަތްތަކުގެ ފަހަތުގައި އޮތީ އީރާން ކަމަށް ބެލެވެއެވެ.

މީގެ ހަ މަސް ކުރިން ޣައްޒާގައި ޔަހޫދީ ފައުޖުން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 35,233އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އެއްހާ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނޭއިރު, ޔަހޫދީ ފައުޖުން ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައިވާ ޢިމާރާތްތަކުގެ ދަށުގައި އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 79,141އަށް އުފުލިފައެވެ. އދއިން ބުނީ, ޣައްޒާގައި ހައިހޫނުގައި ޖެހިފައިވާ މީހުންގެ ޢަދަދު މިލިޔަނަކަށް އުފުލިފައިވާ ކަމުގައެވެ.