ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ބާއްވަމުން އަންނަ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމަށްވާ ރިސޯޓް ލީގު 2024 ގެ ނޯތު މާލޭ ޒޯނުގެ ފެށުން އެންމެ ފަހުގެ ޗެމްޕިއަން ވަން އެންޑް އޮންލީ ރީތި ރަށާއި ކުޑަ ހުރާއިން ރަނގަޅުކޮށްފިއެވެ.
މި އަހަރުގެ ރިސޯޓް ލީގުގެ ކުޅުން މިއަދު ހަވީރު ފެށިއިރު، މި ފަހަރުވެސް އެންމެ ފުރަތަމަ ކުރިއަށްދަނީ ނޯތު މާލޭ ޒޯނުގެ ކުޅުމެވެ. މި ފަހަރުވެސް ރީތި ރަށުގައި ނޯތު މާލޭ ޒޯނުގެ ކުޅުން ކުރިއަށްދާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ހިލްޓަން މޯލްޑިވްސް ބަލިކޮށްފައެވެ.
ގްރޫޕް އޭގައި ހިމެނޭ މި ދެ ޓީމުން ކުޅުނު މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ރީތި ރަށުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ނާފިއުއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަބީލް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.
ރީތި ރަށުން މި މެޗުގެ ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. އެގޮތުން މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އެ ޓީމުން ވަނީ ތިންވަނަ ލަނޑެއް ޖަހާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޝިމްހާޒެވެ. އެކަމަކު ދެވަނަ ހާފުގެ ނުވަވަނަ މިނެޓުގައި ރައިހާން ވަނީ ހިލްޓަންއިން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދީފައެވެ.
މީގެ އިތުރުން ގްރޫޕް އޭގައި މިއަދު ކުޅުނު ދެވަނަ މެޗުން ކުޑަ ހުރާ ވަނީ 6-3 ގެ ނަތީޖާއަކުން އެންމެ ފަހުގެ ރަނަރަޕް ބަނޑޮސް މޯލްޑިވްސް ބަލިކޮށްފައެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ހަތް ލަނޑު ފެނިގެންދިޔައިރު، މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކުޑަ ހުރާއަށް ލީޑު ނަގައިދިނީ މަޒީންއެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ޝަމީމް ވަނީ ލަނދެއް ޖަހައި، ބަނޑޮހަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ލޫތު ވަނީ ލަނޑެއް ޖަހައި، ކުޑަ ހުރާއަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ.
އޭގެ ފަހުން ކުޑަ ހުރާގެ މައުލޫފް ވަނީ ގާތްގާތުގައި ދެ ލަނޑު ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރި ވެފައިވަނިކޮށް ބަނޑޮހުން ވަނީ ދެ ލަނޑު ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ދެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޝަމީމް އާއި މުސީރެވެ.
މި މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ކުޑަ ހުރާގެ ލޫތު ވަނީ މި ހާފުގައި އިތުރު ދެ ލަނޑު ޖަހައި، މި މެޗުގައި ހެޓްރިކެއް ހަދާފައެވެ.